ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާ މެދު ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑުން ވަކި ގޮތެއް ނިންމާފައިނުވާ ކަމަށާއި ހުޅުމާލޭގެ އެންމެ ބޮޑު ހިއްސާއެއް ހާއްސަކުރެވިފައިވަނީ އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނެފައިވަނީ އެ ކޯޕަރޭޝަނުން ބިން ވިއްކުމަށް ތައްޔާރުވަމުން އަންނަކަން ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ.
"ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާ މެދު އެކި ނޫސްތަކުގައި ހަބަރު އާންމުކޮށްފައިވާ އިރު، ހުޅުމާލެއިން ބިން ވިއްކުމާ މެދު މި ކޯޕަރޭޝަނުގެ ބޯޑުން ވަކި ގޮތެއް ނިންމާފައިނުވާ ކަމުގައި އާންމުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ..،" އެޗްޑީސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެޗްޑީސީން ބުނީ ހުޅުމާލެއަކީ އެޗްޑީސީން މާސްޓާ ޕްލޭނެއްގެ ދަށުން ތަރައްގީކުރަމުން އަންނަ ރަށެއް ކަމުގައިވާ އިރު، އެ މާސްޓާ ޕްލޭން ފަރުމާކުރެވިފައިވަނީ އެކި ބޭނުންތަކަށް ހާއްސަކުރެވިގެން ކަމަށާއި އެގޮތުން ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް އަދި ކޮމިއުނިޓީ ބޭނުންތަކަށް އެ މާސްޓާ ޕްލޭނުގައި ޖާގަ ދެވިފައިވާ ކަމަށެވެ. އަދި މާސްޓާ ޕްލޭނުގައި އެންމެ ބޮޑު ހިއްސާއެއް ހާއްސަކުރެވިފައިވަނީ އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
"އެންމެ ބޮދު ހިއްސާއެއް ހާއްސަކުރެވިފައިވަނީ އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރާއެކު މި ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސޯޝަލް އަދި އެފޯޑަބަލް ހައުސިން ފޯރުކޮށްދިނުމަށްޓަކައި ތައާރަފުކުރެވޭ މަޝްރޫއުތަކަށެވެ..،" އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޗްޑީސީން އިތުރަށް ބުނީ ރައްޔިތުންގެ މަޖިލިސް އާ އަހަރަށް ހުޅުވައި މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން ވެށިފަހި ޕްރޮގްރާމުގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ ފަރާތްތަކަށް މިއަހަރު ހުޅުމާލެއިން ގޯތި ދޫކުރެވޭނެ ކަމަށާއި އެގޮތުން މިއަހަރުގެ ތެރޭގައި ހައްގުވެރި ފަރާތްތަކަށް ގޯތި ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.