އަލީ ޔާމިން
އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެެޅުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ޕްރައިމަރީއާއެކު ބޮޑާހޭކުން ނިމިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގެ ފާށަނާމާލަމުގައި އެމްޑީޕީން މިރޭ ބޭއްވި އެޕާޓީގެ 168 ވަނަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ޕްރައިމަރީން ބަލިވި ހުރިހާ މެންބަރުންވެސް ތިބީ ޕާޓީގެ ރޫހުގައި ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ޕްރައިމަރީއާއެކު އެކަކު އަނެކަކަށް ބޮޑާހޭކުން ނިމިފައިވާ ކަމަށާއި ދެން ބޮޑާހާކީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ފަހުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ޕްރައިމަރީވެސް ނިމިއްޖެ. އެކަކު އަނެކަކަށް ބޮޑާހޭކުންވެސް ނިމިއްޖެ. ހާއްސަކޮށް ބޮޑާހޭކުން ނިމިއްޖެ. ދެން އަޅުގަނޑުމެން އެއްވާނަކަށް ނުކުމެ މި މަސައްކަތް ކޮށްލަންވީ. ކޮށްގެން އަނެއްކާ ފަހުން ބޮޑާހާކަން ތިބޭނީ. އެކަމެއް އަޅުގަނޑުމެން ހުއްޓާލާނެ ކަމަށް އަޅުގަނޑުވެސް ނުދެކެން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލެވިފައިވާ ކަމަށެވެ. އަދި އެ ބާރުތަކާއެކު ސަރުކާރަށް ބަރޯސާނުވެ ރަށްތައް ތަރައްގީވެގެންދާތަން ރައްޔިތުންނަށް ފެންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ބޭއްވި ކައުންސިލް އިންތިހާބުގެ ޕްރައިމަރީއާއެކު ބޮޑާހޭކުން ނިމިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، އެ އިންތިހާބުގެ އިންތިޒާމީ ކަންކަން ހުރި ގޮތުން އެތައް ބައެއްގެ ފާޑުކިޔުން އެމްޑީޕީއަށް އަމާޒުވިއެވެ. އަދި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ބައެއް ދާއިރާތަކުގެ ވޯޓުލުން އަލުން ވަނީ ބާއްވައިފައެވެ.