ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރު ދެއްކީ ބިރު، އެކަން ބަލައެއް ނުގަނެވޭނެ: ޓޫރިޒަމް މިނިސްޓްރީ

އަހުމަދު ވަޖީފު

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބިރު ދެއްކި ކަމަށް ބުނެ، އެ މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓޫރިޒަަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް އެއްވެސް ފަޅުރަށެއް ދޫކޮށްފައިވޭތޯ ބެލުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން އެދުމުން އެ މައުލޫމާތު ފޯރުކޮށްދީފައިނުވާތީ އެ ފަރާތުން ހުށަހެޅި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ޓުވިޓާގައި ދެއްކެވި ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފިޔާޒް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއަދު އެ ކޮމިޝަނުން ބޭއްވި އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރުނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން ކަމަށާއި މާއްދާ 29 ނެގެހެއްޓުމަށް ގާނޫނުން ލިބިދޭ ބާރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށް ވެސް ފިޔާޒް ވިދާޅުވިއެވެ.

ފިޔާޒްގެ އެ ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ޓޫރިޒަަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިވިލް ސާވިސްގެ މުވައްޒަފަކަށް ބިރުދެއްކުމުގެ ގޮތުން ކުރެވޭ އެއްވެސް އަމަލެއް ބަލައިނުގަންނާނެ ކަމަށާއި އެ މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ ކަންކަމުގައި ޒިންމާވެ ޖަވާބުދާރީ ވާނީ މިނިސްޓަރާއި، މިނިސްޓްރީގެ ސިޔާސަތު ނިންމާ ޕޮލިސީ އޮފިސަރު ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައިގައި ސާފުކުރަން ބެނުންވާ މައުލޫމާތެއްވާ ނަމަ، ރައްިޔތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގައި ނުވަތަ ޝަރުއީ ކޯޓުގައި ޖަވާބުދާރީވާން ތައްޔާރަށް ތިބި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެމްއެމްޕީއާރުސީއަށް އެއްވެސް ފަޅުރަށެއް ދޫކޮށްފައި ވޭތޯ އާއި ފަޅުރަށެއް ދީފައިވާނަމަ އެ ރަށްތަކުގެ ލިސްޓާއި އެގްރިމެންޓްގެ ކޮޕީއެއް ހޯދުމަށް "މޯލްޑިވްސް ޓްރޭޑް ޔޫނިއަން" އިން ހުށަހެޅުމުން އެ މައުލޫމާތު ޓްރޭޑް ޔޫނިއަނަށް ދީފައިވާނެ ކަމަށާއި އަދި އެކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އަންގާފައިވާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ހާމަކުރުމަށް މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ރައްޔިތުންގެ މައުލޫމާތަށްޓަކައި ބަޔާނާއެކު ހުށަހަޅާފައިވާނެ ކަމަށާއި މައުލޫމާތު ހޯދުމުގެ ހައްގާއި، ރައްޔިތުންގެ ހައްގަކީ "ކުޅޭ ކުޅޭ" އެއްޗެއް ނޫން ކަމަށް މިނިސްޓްރީން ވެސް ގަބޫލުކުރާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ގާނުނީ ގޮތުން ހިންގާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ނުވަތަ ހިނގަމުންދާ ޝަރިީއަތެއްގެ މައްޗަށް ބިނާކޮށް ގާނުނީ އިމްތިޔާޒު ލިބގެންވާ މައުލޫމާތެއްކަމުގައި ވާނަމަ، އެ މައުލޫމާތު ދޫނުކުރުމުގެ އިހުތިޔާރު ދައުލަތުގެ އިދާރާތަކަށް ލިބިގެންވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެހާ މައުލޫމާތު، އެންމެ ފުޅާމިނެއްގައި 2018ގެ ނޮވެމްބަރު 17 އިން ފެށިގެން ހާމަކުރަމުންގެން އަންނަ ގޮތަށް ހަރުދަނާ އަދި ދެފުށް ފެންނަ އުސޫލުން މަައުލޫމާތު ހާމަކުރަމުންގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށެވެ. އަދި އެމްއެމްޕީއާރުސީއާ ގުޅޭގޮތުން އެންމެހާ އިދާރާތަކުންނާއި މުއައްސަސާތަކުން ކުރިއަށްގެންދާ ތަހުގީގުތަކުގައި ޓޫރިޒަމް މިނިސްޓްރީން އެއްބަރުލުންދޭނެ ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަވެއެވެ.