ޚަބަރު

ކޮރޯނާވައިރަސްއާ ގުޅިގެން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަނީ

އަލީ ޔާމިން

ކޮރޯނާވައިރަސްއާ ގުޅޭގޮތުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް މެންބަރުން މަޝްވަރާކުރައްވައިފިއެވެ.

ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި އަދި އިތުރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުން ވަނީ ވާހަކަފުޅުދައްކަވައިފައެވެ.

މިއަދުގެ ވަޒީރުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ވަނީ ރައްޔިތުންގެ މެދުގައި، ބަލީގެ ނުރައްކާތެރިކަމާ ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކަމާބެހޭ އިދާރާތަކުން ހިންގާ ޕްރޮގުރާމުތަކުގެ މައުލޫމާތު އޮޅުންފިލުއްވައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވައިފައެވެ.

ޖަލްސާގައި ވަޒީރުން ވަނީ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އަދިވެސް ބޮޑުކަމާއި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުން ދިއުމާއެކު، މިކަމަށް ދޭންޖެހޭ ސަމާލުކަމާއި އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ފަހަގަކޮށްފައެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ގޮތުގައި ޗައިނާގެ އިތުރުން މި ސަރަޙައްދުގެ އެހެން ގައުމުތަކުގައިވެސް ކޮރޯނާ ވައިރަސް މިހާރުވެސް ފެތުރެމުންދިއުމާއެކު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ވައިގެ މަގުން އަންނަ ފަތުރުވެރިންނާއި ކަނޑުމަގުން އަންނަ އުޅަނދު ފަހަރު ޗެކްކުރުމުގެ މަސައްކަތްވެސް ހާއްސަ ސަމާލުކަމެއްދީގެން ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.