ޚަބަރު

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމައިފި

އަލީ ޔާމިން

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މި ނިންމުން ރައީސް ސޯލިހު ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހާމެދު މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކުގައެވެ.

ދަނޑުވެރިންގެ ދުވަހެއް ފާހަގަކުރުމަށް ނިންމެވި މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމެެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެފަރާތްތަކަށް ކުރިމަތިވަމުންދާ ހުރަސްތަކާއި ދަތި ކަންކަން ފާހަގަކޮށް، އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެކަމަށް އެންމެ އެކަށޭނަ އައު ފަންނުތައް ދަނޑުވެރިންނަށް ތައާރަފްކުރުމަކީވެސް ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ މަގުސަދެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިއަދުގެ މަޝްވަރާތަކުގައި ވަޒީރުން ވަނީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ވަކި ދުވަހެއް ފާހަގަ ކުރެވެމުންދާނަމަ ދިވެހި ދަނޑުވެރިކަމުގެ ތަރައްގީގެ ސިޔާސަތުތަކާއި މަޝްރޫއުތައް އެހެނިހެން ސިނާއަތްތަކާއި އެއް މިސްރާބެއްގައި ތަރައްގީކުރުމަށް ފުރުސަތު ފަހިވެގެންދާނެކަން ފާހަގަކޮށްފައެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ ދިހަވަނަ ދުވަހު ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް 2009 ވަނަ އަހަރު ހަމަޖައްސަވާފައިވީ ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ތަފާތު އެކި ސަބަބުތަކާހުރެ މިދުވަސް ފާހަގަކޮށްފައިވަނީ އަހަރުގެ ކޮންމެވެސް އެހެން ދުވަހެއްގައެވެ. އެހެންކަމުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމުގައިވާ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމުގެ އެއް ބޭނުމަކީ ދަނޑުވެރިންނާއި އެމީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމުގައި ރައީސް އޮފީހުން ބުނެއެވެ.