ޚަބަރު

ނޫމަޑިއަށް ސަރުކާރުން 55 މިލިއަން ޑޮލަރު ދައްކަން ޖެހުނު މައްސަލައިގައި ޖާބިރު ފިނޭންސް މިނިސްޓަރާ ސުވާލުކުރަނީ

އިބްރާހިމް ޒަކީ

1

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް، ކުރީގެ ސަރުކާރުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހުނު މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރުއާ ސުވާލު ކުރުމަށް ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެކަން ވަނީ އެޖެންޑާ ކޮށްފައެވެ.

މަޖިލީހަށް އެޖެންޑާ ކޮށްފައިވަނީ، ނޫމަޑިން ސަރުކާރުގެ މައްޗަށް ހުށަހެޅި މައްސަލައިގައި، ނެދަލޭންޑްސްގެ ދަހޭގަންގައި ހުންނަ ޕާމަނަންޓް ކޯޓު އޮފް އާބިޓްރޭޝަނުން ގޮތަކަށް ނުނިމެނީސް،

ދިވެހި ރައްޔިތުންގެ ފައިސާ އިން ބަދަލުގެ ގޮތުގައި އެތައް މިލިއަން ޑޮލަރު ދިނީ ގާނޫނީ ކޮން ހައިސިއްޔަތަކުންތޯ، މިނިސްޓަރާ ސުވާލު ކުރުމަށެވެ. އަދި އެ މައްސަލަ އާބިޓްރޭޝަނުން ނިމުނީ ބަދަލުދޭންޖެހޭ ގޮތަށްކަން މިނިސްޓަރަށް އެނގިވަޑައިގަތީ ކޮންގޮތަކަށްތޯ، އާއި ބަދަލުގެ ގޮތުގައި ނޫމަޑިއަށް ފައިސާއެއް ދީފައިވޭތޯ ސުވާލު ކުރުމަށްވެސް އެޖެންޑާގައި ހިމަނާފައިވެއެވެ.

ހައުސިން ޔުނިޓުތަކެއް ހަދަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާއެކު ވި އެއްބަސްވުން އުވާލި މައްސަލައާ ގުޅިގެން، ސެޓްލްމެންޓް އެގްރީމެންޓް ހަދައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދޭން ޖެހުނު މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅައި އެކަމުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މިދިޔާ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކޮށްފައެވެ.

އެ މައްސަލަގައިގައި ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އާއި އާބިޓްރޭޝަނާ ގުޅޭ އެހެން ހުރިހާ ހަރަދެއް ހޯދުމަށް ނޫމަޑިން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅިއެެވެ.

އޭގެ ތެރެއިން އެއް މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުން ބާތިލު ކުރި މައްސަލައެވެ. އެ ޕްރޮޖެކްޓުގައި ސޮއިކޮށްފައިވަނީ 20 ޖެނުއަރީ، 2011، ގައެވެ.

ނޫމަޑިން ހުށަހެޅި ދެވަނަ މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އާއި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުމުގެ މައްސަލަ އެވެ. މިއީ 30 މެއި 2013 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ.

ނަމަވެސް ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެށި މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި 55 މިލިއަން ޑޮލަރު ދެއްކުމަށް ނިންމައި މައްސަލަ ހައްލުކުރިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟