އިބްރާހިމް ޒަކީ
ގުޅީފަޅުގައި ގާއިމްކުރާ ބައިނަލްއަގްވާމީ ބަނދަރު ވެގެންދާނީ މި ސަރަހައްދުގައި ވެސް ހިމެނޭ އެންމެ ޒަމާނީ ބަނދަރަށް ކަމަށާއި އެ ބަނދަރަށް 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދޅުވެއްޖެއެވެ.
އަލަށް އެކުލަވައިލި ފޮރިން އިންވެސްޓްމެންޓްގެ ސިޔާސަތު އާންމު ކުރުމަށް މާގިރި ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ، ބަނދަރަށް ބޭނުންވާ ލޯނު ފައިސާ އިންޑިއާގެ އެގްޒިމް ބޭންކުން ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން ބަނދަރު ހެދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި ޑިޒައިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އެ މަސައްކަތްނިމި ކޮންސަލްޓަންޓުންގެ ފްރޮޖެކްޓް ރިޕޯޓް މި މަސް ނިމުމުގެ ކުރިން ލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ރިޕޯޓް އެގްޒިން ބޭންކަށް ހުށަހަޅައި، މި އަހަރުގެ މެދުތެރޭގައި ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކޮށް އަހަރުގެ ފަހު ކުއާޓަރުގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ގުޅީފަޅުގައި ގާއިމްކުރާ ބަނދަރު ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ނޫން ފަރާތަކަށް ހަވާލު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެއެވެ.