ޚަބަރު

ޒީރޯ ޕްލާސްޓިކް ރަންގައި މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވޭ: އައިސީއެސް މޯލްޑިވްސް

އަހުމަދު ވަޖީފު

"ޒީރޯ ޕްލާސްޓިކް ރަން"ގައި މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އެ ދުވުން އިންތިޒާމުކުރާ އައިސީއެސް މޯލްޑިވްސް އިން ބުނެފިއެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން އައިސީއެސް މޯލްޑިވްސްގެ ސޭލްސް އެންޑް މާކެޓިން ކޯޑިނޭޓާ އައިމިނަތު އިނާން އަލީ ވިދާޅުވީ މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ދުވުމުގައި ބައިވެރިވުމަށް މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ރަޖިސްޓަރީކޮށްފައިވާ ކަމަށާއި އެ ދުވުމުގައި ރަޖިސްޓަރީ ވުމުގެ ކަންކަން މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. ޒީރޯ ޕްލާސްޓިކް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ޒީރޯ ޕްލާސްޓިކް ދުވުމަކީ، އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށާއި، ދިރޭތަކެއްޗަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ ދުވުމެކެވެ.

އެންމެ ފުރަތަމަ މި ދުވުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ފަސް ކިލޯމީޓަރުގެ އެ ދުވުމުގައި ޖުމުލަ 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރު ބޭއްވި ދުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ބައެއް ކެބިނެޓު މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިދިޔަ އަހަރު ބޭއްވި ދުވުމުގެ ތެރެއިން ބައިވެރިންނަށް ސެންޓްރަލް ޕާކް ސަރަހައްދުގައި ހުރި ޕްލާސްޓިކް ފަދަ ތަކެތި އެއްކުރުމުގެ ފުރުސަތު ލިބިގެން ދިޔަ އިރު، އެތަނުން ހޮވި ހުރިހާ ޕްލާސްޓިކް ރިސައިކަލް ކުރުމަށް ޕާލޭއާ ހަވާލުކޮށްފައިވެއެވެ.

މި ދުވުމަކީ އެއްވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުން ކޮށްފައި އުކައިލެވޭ ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުން ނުކޮށް ކުރިއަށްގެންދާ ދުވުމެކެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ދުވުންވެސް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ އެއްވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުން ނުކޮށެވެ.

އައިސީއެސް މޯލްޑިވްސްއިން މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ޒީރޯ ޕްލާސްޓިކް ރަންގެ މީޑިއާ ޕާޓްނަރަކީ ވަންއޮންލައިނެވެ.