ސަތޭކައަށް ވުރެ ގިނަ ބްރޭންޑުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ފަންނީ މާހިރުން ބައިވެރިވާ ޖީއެމް ފޯރަމުގެ މިއަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
އުރިީދޫން ބުނީ "ހޮޓެލިއާ މޯލްޑިވްސް" އިން މިއަހަރު ބާއްވާ ފަސްވަނަ ފޯރަމުގައި ރާއްޖެއާ އެހެން ގައުމުތަކުން 100 އަށްވުރެ ގިނަ ބްރޭންޑްތަކުގެ ޖެނެރަލް މޭނޭޖަރުން ބައިވެރިވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ ހޮޓެލިއާ މޯލްޑިވްސް އިން ބާއްވާ ޖީއެމް ފޯރަމަކީ ބައިވެރިވުން މުހިންމު ފޯރަމެއް ކަމަށެވެ. އެހެންކަމުން އެ ޕްލެޓްފޯމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގައުމުތަކުގެ މާހިރުން އެއްތަނަކުން ބައްދަލުވެ ދައިރާގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ ހަމައެކަނި ފުރުސަތު ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމަށް އުރީދޫން ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތްކުރާ ކަމަށާއި މިއަހަރު ބާއްވާ ފޯރަމަކީވެސް ފަތުރުވެރިކަން ކުރިއެރުމަށް ކާމިޔާބު ފޯރަމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް ނަޖީބު ވިދާޅުވިއެވެ.
"ހޮޓެލިއާ މޯލްޑިވްސް އިން ބާއްވާ ޖީއެމް ފޯރަމަކީ ފަތުރުވެރިކަމުގެ ދާއިރާގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބްރޭންޑްތަކުގައި ހަރަކާތްތެރިވާ ތަޖުރިބާކާރު މާހިރުން އެއްތަންވެ ދާއިރާގެ ކުރިމަގު ބައްޓަންކުރުމަށް ވާހަކަ ދެއްކޭ ކޮންމެހެންވެސް ބައިވެރިވުން މުހިއްމު އިވެންޓެކެވެ. ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން. މިގޮތުން މިއަހަރުގެ ޖީއެމް ފޯރަމް އަކީވެސް ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް މުހިންމު އަދި ކާމިޔާބު ފޯރަމްއަކަށް ވާނޭ ކަމަށް އުންމީދުކުރަން،" ނަޖީބް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޮޓެލީއާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަމްދޫހު ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ޒަމާނީ ޓެކްނޮލޮޖީގެ އެހީ މުހިންމު ކަމަށާއި އެގޮތުން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު މުހިންމު ކަމަށެވެ. އެހެންކަމުން ބައިނަލްއަގުވާމީ ފެންވަރުގައި ހިދުމަތް ގެނެސްދޭ ކުންފުނި، ޖީއެމް ފޯރަމުގެ ޓައިޓަލް ޕާޓުނަރަކަށް ވުމުން އުފާކުރާ ކަމަށާއި އަދި އެ ފޯރަމް ކާމިޔާބު ކަމާއެކު ކުރިއަށްދާނެ ކަމަށް މަމްދޫހު ވިދާޅުވިއެވެ.
"ދެމަހެއްޓެނިވި ގޮތެއްގައި އެންމެ ފުރިހަމަ އަދި ޒަމާނީ ހިދުމަތަކެށް ފޯރުކޮށްދިނުމަށް، ފަތުރުވެރިކަމުގެ ދާއިރާއަށް ޓެކްނޮލޮޖީގެ އެހީ ވަރަށް މުހިއްމު. ގެސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ގާއިމުކުރުމުގައި ވެސް ޓެކްނޮލޮޖީ މުހިއްމު ރޯލެއް ކުޅޭ. އެހެންކަމުން، ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާ ފުޅާކޮށް ބައިނަލްއަގުވާމީ ފެންވަރުގު ހިދުމަތްތައް ގެނެސްދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމުގައިވާ އުރީދޫ މޯލްޑިވްސް، ޖީއެމް ފޯރަމްގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ޕާޓްނަރުވުމީ އަޅުގަނޑުމެން އުފާ ކުރާކަމެއް. އުރީދޫގެ ޕާޓްނާޝިޕާއެކު މިއަހަރުގެ ފޯރަމް އިތުރު ފުރިހަމަކަމާއި ކާމިޔާބުކަމާއެކު ކުރިއަށްދާނެކަން ޔަގީން." ހޮޓެލީއާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މަމްދޫހު ވިދާޅުވިއެވެ.
ހޮޓެލިއާ މޯލްޑިވްސްއިން 2016 ވަނަ އަހަރު ޖީއެމް ފޯރަމް ތައަރަފުކޮށްފައިވަނީ ރިސޯޓުތަކާއި ހޮޓެލްތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކުރެވި ހައްލެއް ހޯދޭނެ ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަގްސަދުގައެވެ. އެގޮތުން އެއް ދުވަހަށް ކުރިއަށްދާ ފޯރަމުގައި ދައިރާގެ ކަމާބެހޭ ގިނަ މާހިރުން ބައިވެރިވާނެއެވެ. އަދި ރާއްޖޭގެ ރިސޯޓްތަކާއި ހޮޓެލްތަކުގެ ޖެނެރަލް މެނޭޖަރުންނަށް ހާއްސަ ކުރެވިގެން ބާއްވާ ހަމައެކަނި ފޯރަމްކަމަށްވާއިރު ހާއްސަކުރެވިފައިވާ މައުލޫގެ ކީ ނޯޓް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަހަރު ބާއްވާ ޖީއެމް ފޯރަމް ކުރިއަށްދާނީ އޭޕްރިލް މަހުގެ ދެވަނަ ދުވަހުއެވެ. އެގޮތުން މި ފޯރަމުގައި ކަމާބޭހޭ ދާއިރާތަކުގެ ގިނަ މާހިރުން ބައިވެރިވެވަޑައިގަންވާއިރު ހޮޓެލް އަދި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުން ސީ ސޫޓް ހޮޓެލިއަރުން، ހޮޓެލް މެނޭޖްމެންޓް ކުންފުނިތަކުގެ ވެރިންނާއި ޑިވެލޮޕަރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކް ހޯލްޑަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.