ޚަބަރު

ކޮންމެ މަހެއްގެ ފުރަތަމަ ބުރާސްފަތި ދުވަހަކީ ސުޕްރީމް ކޯޓުގެ އޯޕަން ޑޭ ގެ ގޮތުގައި ކަނޑައަޅައިފި

މަރިޔަމް ޝަހުދާ

ކޮންމެ މަހެއްގެ ފުރަތަމަ ބުރާސްފަތި ދުވަހަކީ ސުޕްރީމް ކޯޓުގެ އޯޕަން ޑޭ ގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން މިކަން ހަމަޖައްސައި އާންމު ކޮށްފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ. އެގޮތުން ކޮންމެ މަހެއްގެ ފުރަތަމަ ބުރާސްފަތި ދުވަސް އާންމުކޮށް އެންމެނަށް އެ ކޯޓަށް ޒިޔާރަތް ކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. އަދި މި ނިންމުމަށް އަމަލު ކުރަން ފަށައި، ސުޕްރީމް ކޯޓުގެ ފުރަތަމަ އޯޕަން ޑޭގެ ގޮތުގައި ހަމަޖައްސާފައިވަނީ މާޗް މަހުގެ ފުރަތަމަ ބުރާސްފަތި ދުވަސް ކަމަށްވާ، އެމަހުގެ ފަސްވަނަ ދުވަސް ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެއެވެ.

އެގޮތުން އެ ކޯޓުގެ އޯޕަންޑޭ ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ތިން ސެޝަނަކަށް ބަހާލައިގެން ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. އެއީ ހެނދުނު ނުވަޔަކުން 10އަށް، 10:00 އިން 11:00އަށް އަދި 11:00 އިން 12:00އަށް ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

ސުޕްރީމް ކޯޓުން މައުލޫމާތު ދިން ގޮތުގައި ކޮންމެ ސެޝަނެއްގައި ބައިވެރި ވެވޭނީ 10 ބައިވެރިންނަށެވެ. އަދި ސެޝަންގައި ބައިވެރިވުމަށް ފުރުސަތު ދޭނީ ސެޝަން ފެށޭ ގަޑިއަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ފުރަތަމަ 10 ފަރާތަށް ކަމަށާއި، އެގަޑީގެ ފަހުން ވަޑައިގަންނަވާ ބޭފުޅުންނަށް ދެން އޮންނަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖައްސާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

އޯޕަންޑޭ ކުރިއަށްދާނީ "ގައިޑެޑް ޓުއާ"އެއްގެ ގޮތުގައި ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. އެގޮތުން މި ޓުއާގައި ކޯޓުގެ ސެކްޝަން ތަކަށް ޒިޔާރަތްކޮށް، ކުރާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ޝަރީއަތުގެ މަޖިލީހާއި ކޯޓުގެ އިމާރާތް ދައްކާލާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. އަދި ސެޝަންގެ ގަޑީގައި ޝަރީއަތެއް ކުރިއަށްދާނަމަ ޝަރީއަތަށް ވަނުމުގެ ފުރުސަތު ދޭނެ ކަމަށް އެ ކޯޓުން ބުނެއެވެ.

ސުޕްރީމް ކޯޓުން ވަނީ ސްކޫލް، އިންސްޓިޓިއުޝަން ނުވަތަ މަދަނީ ޖަމިއްޔާތަކުން އަދި އެހެންވެސް ފަރާތްތަކުން ހާއްސަ ޓުއާއަކަށް އެދިއްޖެނަމަ އެ އިންތިޒާމު ކޯޓުން ހަމަޖައްސައިދޭނެ ކަމަށް ބުނެފައެވެ. އަދި މި ސެޝަންތަކުގައި ބައިވެރި ވެވޭނީ ކޯޓުގެ ހުރުމަތާއި އެކަށީގެންވާ ހެދުމެއްގައި ތިބެގެން ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

އޯޕަންޑޭއާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 3009990އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ކޯޓުން އެދެއެވެ.