އައްޑޫ ސިޓީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އައްޑޫ ސިޓީ ހިތަދޫ އަޝްރަފް މަންޒިލް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް ރިޕޯޓްކޮށްފައިވަނީ މިރޭ 10:30 ހާއިރެވެ.
އެމްއެންޑީއެފް އިން ބުނީ ހިތަދޫ ފަޔާ ސްޓޭޝަނުގެ ސިފައިން އެ ސަރަހައްދަށް ގޮސް ރޯވެފައިވާ އަލިފާންގަނޑު މިރޭ 11:08 ހާއިރު އެއްކޮށް ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި ރޯވެފައި ވަނީ އެގޭގެ ކޮޓަރިއެއް ކަމަށެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި ނަމަވެސް އެގޭގައި ހިފައި ގެންގުޅޭ ބައެއް ތަކެއްޗާއި އަންނައުނާއި ބައެއް ފަރުނީޗަރު ފަދަ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.