ކޮމަންވެލްތް

ދިވެހިންނަށް މިހާރު ކޮމަންވެލްތުގެ 40 ގައުމަކަށް އޮން އެރައިވަލް ވިސާ ލިބޭނެ: ފޮރިން މިނިސްޓްރީ

މަރިޔަމް ޝަހުދާ

މިމަހުގެ އެއްވަނަ ދުވަހު ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމުން ދިވެހިންނަށް ކޮމަންވެލްތުގެ 40 ގައުމަކަށް ވިސާއާއި ނުލައި ދަތުރު ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 40 ގައުމަކުން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.

"ރާއްޖެ ފިޔަވައި ކޮމަންވެލްތުގައި މިއޮންނަނީ 53 ގައުމު. ދެން އެ 53 ގައުމުގެ ތެރެއިން 40 ގައުމަކަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެ" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތަކަކީ ކޮމަންވެލްތުގެ މެންބަރުންގެ ތެރޭ އޮންނަ އެގްރީމަންޓެއްގެ ތެރެއިން ވިސާއާއި ނުލައި ދެވޭ ގައުމުތަކެއް ކަމަށެވެ. އަދި ކުރިން ރާއްޖެ ކޮމަންވެލްތުގައި އޮތް އިރުވެސް މި 40 ގައުމަށް ވިސާއާއި ނުލައި ދަތުރު ކުރެވޭ ކަމަށް މިއުވާން ވިދާޅުވިއެވެ.

2016 ވަނަ އަހަރު ރާއްޖެއިން ކޮމަންވެލްތުން ވަކި ވުމުން ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ވުމުން ވިސާއާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގައުމުތަކަށް ދަތުރު ކުރުމުގައި "ރެސްޓްރިކްޝަން" ތަކެއް އައި ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ބައެއް ގައުމު ތަކަށް އޮންލައިންކޮށް ވިސާ ނަގައިގެން ދަތުރު ކުރެވޭ ގޮތަށް ވެސް އޭރު އޮތް ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ މިހާރު ދިވެހިންނަށް އެފަދަ އެއްވެސް ދައްޗަކާ ކުރިމަތި ނުވާނެ ކަމަށެވެ. އަދި ކުރިން ދަތުރު ނުކުރެވޭ ބައެއް ގައުމުތައްވެސް މި 40 ގައުމުގެ ތެރޭ ހިމެނޭ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުމުގެ ސަބަބުން މިހާރު ދިވެހިންނަށް ވަނީ ކޮމަންވެލްތުގެ ސްކޮލާޝިޕްތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އަލުން ލިބިފައެވެ. އަދި ކޮމަންވެލްތު ގައުމުތަކުގައި ހުރި ރާއްޖޭގެ ހުރިހާ އެމްބަސީތަކެއް މިހާރު ވަނީ "ހައިކޮމިޝަން" ތަކަށް ބަދަލުކޮށްފައެވެ.