އިބްރާހިމް ޒަކީ
ބިމުގެ ފެން ފަށަލަ ހިމާޔަތްކޮށް، ގާނޫނާ ހިލާފުވާ ފަރާތްތައް ދިހަ ހާސް ރުފިޔާއިން ފެށިގެން ދެ މިލިޔަން ރުފިޔާއާ ހަމަޔަށް ޖޫރިމަނާ ކުރެވޭ ގޮތަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފެނާއި ނަރުދަމާގެ ބިލު މަޖިލީހަށް ބަލައިގެންފިއެވެ.
މި ބިލުގައި ބުނެފައި ވަނީ މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް މި ގާނޫނު ތަންފީޒު ކުރާނީ ކަމާބެހޭ އޮތޯރިޓީން ކަމަށެވެ.
އަދި މި ހިދުމަތްތައް ދިނުމުގެ ލައިސަންސް ދިނުމާއި މޮނީޓާ ކުރުމާއި ފިޔަވަޅު އެޅުމަށް ބޮޑެތި ބާރުތަކެއް ގާނޫނުން އޮތޯރިޓީއަށް ވަނީ ދީފައެވެ.
މި ބިލުގައި ބުނެފައިވަނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، މި ގާނޫނަށް އަމަލް ކުރަން ފަށާތާ ގިނަވެގެން ފަސް އަހަރު ދުވަހުގެ ތެރޭގައި ގާއިމްކޮށް ހިންގޭނެ އިންތިޒާމު ތައް ދައުލަތުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
އަދި ދިވެހި ރާއްޖޭގެ ސަރަހައްދުގައި ގުދުރަތީ ގޮތުން ހިމެނޭ ފެނުގެ އެންމެހައި ވަސީލަތް ތަކަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމުގައި ވަނީ ކަނޑައަޅައިފައެވެ.
ދަނޑުވެރި ކަމާއި ސިނާއީ މަސައްކަތް ތަކާއި ފަތުރުވެރި ކަމަށް ދޫކުރާ ފަޅު ރަށްރަށާއި، އެފަދަ މަސައްކަތްތައް ހިންގުމަށް ފަޅު ހިއްކައިގެން އުފައްދާފައިވާ ރަށްރަށާއި، އެފަދަ ރަށްރަށަށް އިތުރު ކުރެވޭ ބިމުގެ ފެންފަށަަލައަކީ، ހިމާޔަތް ކުރެވިފައިވާ އެއްޗެއް ކަމަށް ބިލުގަިއ ވަނީ ކަނޑައަޅައިފައެވެ.
ބިމަށް އެޅިގެން ބިމުގެ ފެންފަށަލަ ތަޣައްޔަރު ވެދާނެ އެއްޗެހި އުފުލުމާބެހޭ ގަވާއިދެއް އެކުލަވާލަން ޖެހޭނެ ކަމަށްވެސްް ބިލުގައި ބުނެފައިވެއެވެ.
އިމާރާތް ކުރުމަށާއި އެނޫންވެސް ސިނާއީ މަޝްރޫއު ތަކަށް ބިމުން ފެން ނަގައި ބޭރު ކުރަންވާނީ މި ގާނުނުގެ ދަށުން ހަދާ ގަވާއިދަކުން ހުއްދަ ލިބިގެން ކަމަށެސް ބުނެފައިވެއެވެ.
އަދި އެފަދަ ހުއްދައެއް ލިބިގެންނޫނީ ބިމުން ފެންނަގައި ބޭރު ކުރުމަކީ މަނާކަމެއް ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އޮތޯރިޓީން ބަލަމުންދާ މައްސަލައެއްގައި، ހާޒިރުކޮށް ސުވާލުކުރަން ޖެހިއްޖެ ކޮންމެ ފަރާތެއް ހާޒިރުކޮށް ސުވާލު ކުރުމާއި އެފަރާތެއްގެ ބަޔާން ނެގުމުގެ ބާރު މި ބިލުން އޮތޯރިޓީއަށް ވަނީ ދީފައެވެ. އަދި ބަލައި ފާސްކުރަން ޖެހުނު ކޮންމެ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރުމުގެ ބާރުވެސް އޮތޯރިޓީއަށް ވަނީ ދީފައެވެ.
މި ގާނޫނާ ހިލާފްވާ ފަރާތްތަކަށް ބިލުގައި ކަނޑައަޅާފައިވާ އަދަބު ތަުގެ ތެރޭގައި ބޮޑެތި ޖޫރިމަނާތަކެއް ފާހަގަ ކުރެވެއެވެ.
ބިލުގައިބުނެފައިވަނީ، އޮތޯރިޓީއަށް ނުވަތަ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީ އާއި އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް މައުލޫމާތެއް ފޯރުކޮށް ދިނުމުގައި ގޮދު މައުލޫމާތެއް ހިމަނައިފިނަމަ އެއްލައްކަ ރުފިޔާއަށްވުރެ މަދު އަދަދަކުންޖޫރިމަޏާ ކުރެވޭނެ ކަމަށެވެ.
ހުއްދަ ނުހޯދައި ފެނާއި ނަރުދަމާ ގާއިމް ކުރުމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ނަހަމަ ގޮތުގައި ބޭނުން ކޮށްފިނަމަ އެ ފަރާތެއްގެ އަދަބަކީ އެއް މިލިޔަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތުގެ ވަސީލަތްތަކަށާއި ހިދުމަތަށް، ގަސްތުގައި ގެއްލުން ދިނުމާއި ހިދުމަތް ދިނުމަށް ދަތި ކުރުމުގެ ގޮތުން އެއްވެސް އަމަލެއް ކޮށްފި ފަރާތެއްގެ އަދަބަކީ ދެމިލިޔަނަށް ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.