ގައިދީންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ އައި ކޭމްޕުގައި އަށްޑިހަޔަށްވުރެ ގިނަ ގައިދީންގެ ލޯ ބަލާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސްއިން ބުނެފިއެވެ
.
ކަރެކްޝަނުން ބުނީ ގައިދީންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ކުރިއަށްވުރެ ހަރުދަނާގޮތެއްގައި ފޯރުކޮށްދިނުމަށް އެ ސާވިސް އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދެ "އައި ކޭމްޕް" ކުރިއަށް ގެންދިޔަ ކަމަށާއި އެ ދެ ކޭމްޕް ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 24 އިން 31 ގެ ނިޔަލަށް ކަމަށެވެ.
ކަރެކްޝަނުން ބުނީ މާފުށީ ޖަލުގައި މި ކޭމްޕް ކުރިއަށް ގެންދިޔައީ ޖަލުގައި ތިބި ގިނަ ގައިދީން ލޮލުގެ ފަރުވާއަށް އެދިފައިވުމުން، ގިނަ އަދަދެއްގެ ގައިދީންތަކެއް މާލެ ގެނައުމުގެ ބަދަލުގައި މާފުށީ ޖަލުގައި މިފަދަ ކޭމްޕެއް ހިންގުމަކީ ހުރިހާ ގޮތަކުންވެސް ލުއިފަސޭހަ ކަމަކަށް ވާނެތީ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ގައިދީންނަށް އަވަސް ފުރުސަތެއްގައި ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށްވެސް ކަރެޝަނުން މައުލުމާތު ދެއެވެ.
އައިކެއާއާ ގުޅިގެން ބޭއްވި "އައި ކޭމްޕް"ގައި، ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން މެދުވެރިކޮށް، ލޮލުގެ ފަރުވާއަށް އެދިފައިވާ ގައިދީންގެ ޗެކަޕް ހަދައި، އެ ފަރާތްތަކަށް އިތުރަށް ބޭނުންވަނީ ކޮން ފަރުވާއެއްކަން ދެނެގަނެވިފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި މި ކޭމްޕްގައި 69 ގައިދީއަކަށް އައިނު ހަމަޖައްސާފައި ވާއިރު މާލެ ގެންނަން ޖެހޭ ގައިދީންވެސް ދެނެގަނެފައި ވާނެ ކަމަށް ކަރެޝަނުން ބުނެއެވެ.