މުހައްމަދު އައުޒަމް
ދުނިޔޭގެ މަޝްހޫރު "އެސެޕްސޯ" އަދި "ބޭބީ ޑޯވް"ގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
ލިލީ އެންޓަޕްރައިޒަސް އިން ސެންޓްރަލް ހޮޓެލްގައި ރޭ ބޭއްވި ހާއްސަ ހަފްލާގައި "އެސެޕްސޯ" އަދި "ބޭބީ ޑޯވް"ގެ ޕްރޮޑަކްޓްތައް ތައާރަފް ކޮށްދެއްވީ ލިލީ އެންޓަޕްރައިޒަސްގެ ސީއީއޯ މުހައްމަދު ނަސީރު (ޝިވާ) އާއި އެސްޑީއެލް ގުރޫޕް އޮފް ކޮމްޕެނީސްގެ މެނޭޖިންގ ޑައިރެކްޓަރ ކޯވެންޑަރ މުލެންގެ އިތުރުން ޔުނިލީވާ އިންޓަނޭޝަނަލްގެ ކަސްޓަމާ ސާވިސް ޑައިރެކްޓަރ އާރްކޭ ޗައުދަރީއެވެ.
ފްރޮޑަކްޓްތައް ތައާރަފްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެސްޑީއެލް ގުރޫޕް އޮފް ކޮމްޕެނީސްގެ މެނޭޖިންގ ޑައިރެކްޓަރ ކޯވެންޑަރ މުލެން ވަނީ "އެސެޕްސޯ" އަދި "ބޭބީ ޑޯވް" ޕްރޮޑަކްޓްތައް އުފެދިގެން ދިޔަގޮތާއި މިހާތަނަށް އައިސްފައިވާ ތަފާތުތަކާއި ކުރިއެރުންތަކަށް އަލިއަޅުއްވާލައިފައެވެ. އަދި މި ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފް ކުރުމުގެ ކުރިން ރާއްޖޭގެ ތަޖުރިބާކާރުން މެދުވެރިކޮށް ތަހުލީލު ކުރެވިފައިވާކަން ފާހަގަކުރިއެވެ.
"އެސެޕްސޯ" އަދި "ބޭބީ ޑޯވް" ޕްރޮޑަކްޓްތައް ތައާރަފް ކުރުމަށް ބޭއްވި ހަފްލާއަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލިލީ ގުރޫޕްގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ ހަސަން ފައިސަލް ވިދާޅުވީ ޑޯވް ޕްރޮޑަކްޓްތަކަކީ ރާއްޖޭގެ މާކެޓުގައި މަގުބޫލު ބްރޭންޑެއް ކަމަށެވެ. އޭނާ ވިދާޅުވީ "ބޭބީ ޑޯވް" ރާއްޖެއަށް ތައާރަފް ކުރާއިރު މި ޕްރޮޑަކްޓްގެ ދެ ކެޓަގަރީއެއް ލިބެން ހުންނާނެ ކަމަށެވެ. ސެންސިޓިވްގެ އިތުރުން އެކްސްޓްރާ ސެންސިޓިވް ކެޓަގަރީގެ ޕްރޮޑަކްޓްތަކުގެ ތެރެއިން އެކުއްޖެއްގެ ހަމުގެ ސެންސިޓިވިޓީއަށް ބަލާފަ އެންމެ ގުޅޭ ޕްރޮޑަކްޓްއެއް ބޭނުންކުރެވިދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ "އެސެޕްސޯ" ގެ ތަފާތު ހަތަރު ބާވަތެއް މިހާރު ރާއްޖެއިން ލިބެން ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑީ ވޮޝްގެ އިތުރުން ހޭންޑް ވޮޝް އަދި ބާތު ސޯޕް ހިމެނޭ ކަމަށެވެ. އަދި މާކެޓަށް ބަލާފައި ފޭޝަލް ފޯމް ވެސް ތައާރަފް ކުރާނެކަމަށް އޭނާ ވިދާޅުވިއެެވެ.
"އެސެޕްސޯ" އަދި "ބޭބީ ޑޯވް" މި ދެ ޕްރޮޑަކްޓްގެ އަގުތައް ރާއްޖޭގެ ލީޑިން ބްރޭންޑްތަކާއި ބަލާއިރު ރަނގަޅުވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ހާއްސަކޮށް "ބޭބީ ޑޯވް" ގެ ޕްރޮޑަކްޓްތައް އެހެން ބްރޭންޑްތަކަށް ވުރެ އަގުހެޔޮވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ލިލީ ގުރޫޕްގެ ޓާގެޓަކީ ކަސްޓަމަރުންނަށް ރަނގަޅު ކޮލިޓީ ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުން ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް ތަފާތު ގިނަ ޕްރޮޑަކްޓްތައް ތައާރަފް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އެސެޕްސޯ" އަދި "ބޭބީ ޑޯވް" ޕްރޮޑަކްޓްތަކުގެ ރާއްޖޭގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ އަކީ ލިލީ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑެވެ. އަދި މި ޕްރޮޑަކްޓްތައް ލިލީގެ ހުރިހާ ފިހާރަތަކުން ލިބެން ހުންނާނެއެވެ.