އެންމެ ކުޑަ ވެގެން ދެވޭނެ މުސާރަ (މިނިމަމް ވޭޖް) މި މަސް ނިމުމުގެ ކުރީން އިއުލާނު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ، އެންމެ ކުޑަ ވެގެން ދެވޭނެ މުސާރަ ކަނޑައަޅައި ނިންމެވުމުގެ ކުރީން އެ ކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާވެސް ހޯއްދަވާނެ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، އެންމެ ކުޑަ ވެގެން ދެވޭނެކަމަށް ކަނޑައަޅައި އިއުލާނު ކުރާ މުސާރައާއި ވަޒީފާއާއި ބެހޭ ގާނޫނަށް ގެންނަން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާ ގުޅުމެއް ނެތް ކަމަށެވެ.
"އެންމެ ކުޑަ ވެގެން ދެވޭނެ މުސާރަ، ރާއްޖޭގެ ތާރީހުގައި އަލަށް މިމަސް ނިމުމުގެ ކުރީން އިއުލާނު ކުރެވޭނެ. އިއުލާނު ކުރުމުގެ ކުރީން، އެކަން ކުރާނެ އުސޫލާއި އަދަދާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާވެސް ހޯދާނަން." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.
އެންމެ ކުޑަވެގެން ދެވޭނެ މުސާރައެއް ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.