އިންފޮމޭޝަން ކޮމިޝަނަރު

ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖޫރިމަނާ ކުރަން އިންފޮމޭޝަން ކޮމިޝަނަރު ނިންމަވައިފި

އައިދާ އަބްދުލް ހަކީމް

ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖޫރިމަނާ ކުރަން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ ނިންމަވައިފި ނިންމަވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖޫރިމަނާ ކުރަން ނިންމީ، އެ މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރސީ) އިން ރަށްތައް ކުއްޔަށް ދިނުމަށް ވެވުނު އެގުރިމެންޓުގެ މައުލޫމާތު ހޯދުމަށް ޓްރޭޑް ޔޫނިއަން އިން ހުށަހެޅި މައްސައިގެ ފުރަތަމަ މަރުހަލާގައި ޓޫރިޒަމް މިނިސްޓްރީގެ އެސިސްޓެންޑް ޑިރެކްޓަރު (އިންފޮމޭޝަން އޮފިސަރު) އަހުމަދު އަބީރު އެއްބާރުލުން ދީފައި ނުވާތީ އެވެ.

އެމްއެމްޕީއާރްސީގެ އެގްރީމެންޓުގެ މައުލޫމާތު ޓްރޭޑް ޔޫނިއަނަށް ނުދިން މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ވަނީ ހުޅުވާލައިގެން އަޑުއެހުމެއް ބާއްވާފަ އެވެ. މިއަދުގެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު، އަބީރު ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. އެހެންކަމުން އޭނާ އާއި މެދު ފިޔަވަޅު އަޅުއްވައި ޖޫރިމަނާ ކުރައްވާނެ ކަމަށް ފިޔާޒު ވިދާޅުވިއެވެ.

އެބައްދަލުވުމަގައި ޓްރޭޑް ޔޫނިއަންގެ ރައީސް ފުވާދު ވިދާޅުވީ އެބޭފުން އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީއާ ދެމެދު އެއްވެސް ސިފައެއްގައި އެއްބަސްވުމެއް އޮތްތޯ ސާފުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެމްއެމްޕީއާރްސީ އާއި ތާޑް ޕާޓީ އަކާއި އެކު ވެސް އެފަދަ އެއްބަސްވުމެއް ވޭތޯ ބެލުމަށެވެ.

އެމައްސަލަ ކޮމިޝަނަށް ހުށަހެޅީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބި ވުމުން އެކަމަކީ ސީދާ ރައްޔިތުންނާއި ގުޅުންހުރި ބޮޑު މައްސަލަ އަކަށް ވާތީ އެތައްފަހަރަކު އެދުމުން ވެސް އެމައުލޫމާތު މިނިސްޓްރީ އިން ދީފައި ނުވާތީ ކަމަށެވެ.

މިއަދު ބޭއްްވި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް ވިދާޅުވީ އެކޮމިޝަނަށް ފާހަގަ ވެފައިވާ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެކަމަށް އެއްބާރުލުން ދީފައެއް ނުވެއެވެ. އޭގެ ހެއްކެއް ގޮތުން، މިއަދުގެ އަޑުއެހުމަށް މިނިސްޓްރީން ހާޒިރު ވެފައި ނުވުން ފިޔާޒު ފާހަގަ ކުރެއްވިއެވެ.

ފިޔާޒް ވިދާޅުވީ އެމައްސަލައިގައި މިހާތަނަށް މިނިސްޓްރީން ދީފައިވާ ޖަވާބަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކަށް ވާތީ އެކަމުގެ މައުލޫމާތު ސިއްރު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ފިޔާޒް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ހަތް ވަނަ ބާބުގެ އެއްވެސް ހާލަތަކަށް އެމައްސަލަ ނުފެތޭ ކަމަށެވެ.

ފިޔާޒް ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރަށް ލިބިފައިވާ ބާރުގެ ދަށުން އެމައުލޫމާތު ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އަންގަވާނެ ކަމަށެވެ. އަދި ނުދީފިނަމަ އެމައްސަލަ ޔޫނިއަންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމަށް ވެސް ފިޔާޒު ވަނީ އަންގަވާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ ރަށްރަށުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ސަރުކާރަށް 220 މިލިޔަން ޑޮލަރު ލިބެން ޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރިޕޯޓުން ދައްކާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެ ހިޔާނާތުގެ ކަންތައް ބެލުމަށް ކޮމިޝަނުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވަމުން ދެއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިޔަށް ދަނީ ރިޕޯޓު އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ.