އަލީ ޔާމިން
ސިވިލް ސާވިސްގެ މަސައްކަތުގައި އެއްވެސް ވަރަކަށް އިހުމާލުވެފައި ނޯންނާނެ ކަމަށާއި ޖަވާބުދާރީވުމަށް ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ސިިވިލް ސާވިސް ކޮމިޝަންގެ ރައީސް، ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.
ޑރ. ޝަމީމް މިހެން ވިދާޅުވީ، އެބޭފުޅާ ހިމެނޭހެން އެކޮމިޝަންގެ ހަތަރު މެމްބަރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީން މިއަދު ނިންމާފައި ވަނިކޮށެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، މަގާމުން ދުރުކުރަން ނިންމާފައިވާތީ އެކަމާއި ހިތާމަކުރާ ކަމަށާއި އޭނާއަކީ ދުވަހަކުވެސް ގާނޫނާއި ހިލާފު ކަމެއް ކޮށްފައިވާ މީހެއް ނޫން ކަމަށެވެ. އަދި އޭނާގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުން ވަކިކުރަން ނިންމި މެމްބަރުންނަށް ވެސް ޖަވާބުދާރީީވުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ކޮމެޓީގެ ކޮންމެ ނިންމުމަކަށް ވެސް އިހްތިރާމް ކުރާނަން. ނަމަވެސް އަޅުގަނޑުމެން ގަބޫލު ކުރަނީ އިޖުރާތްތައް ފުރިހަމަވެގެންނޭ ވަކިކުރުމުގެ ކަންކަން ކުރިއަށް ދާންވާނީ. އަޅުގަނޑުމެންނަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކީ އަޅުގަނޑުމެންގެ އެދުން. ޔަގީނުން ވެސް ކަމެއް ގޯސްކޮށް ކުރެވިފައި އޮތް ކަމުގައިވަނީނަމަ އެކަމަކަށް އިއުތިރާފުވާނަން، އަދި އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނަން،" ޝަމީމް ވިދާޅުވިއެވެ.
މިނިވަން މުއައްސާސަތަކާ ބެހޭ ކޮމެޓީން މިއަދު ނިންމީ ސިވިލް ސާވިސް ކޮމިޝަންގައި ހިމެނޭ ފަސް މެންބަރުންގެ ތެރެއިން ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު އިބްރާހިމް ޝަހީގް އަދި ޒަކަރިއްޔާ ހުސެއިން ވަކިކުރުމަށެވެ. ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފާތުމަތު އާމިރާ މަގާމުން ވަކިކުރާކަށް ނުނިންމައެވެ.
އެ ހަތަރު މެންބަރުން ވަކިކުރަން ނިންމީ އެ މެންބަރުންނާ ގުޅޭ މައްސަލަތަކެއް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބެލުމަށްފަހުއެވެ. އެގޮތުން ހަތަރު މެމްބަރުން މަގާމުން ވަކިވާނީ، ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވައި މެންބަރުންގެ ވޯޓުންނެވެ.