ޚަބަރު

ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ވަނީ ހިތާނުކޮށްފައި: ޔުނިސެފް

އަލީ ޔާމިން

ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާ ކަމަށް ޔުނައިޓެޑް ނޭޝަސްސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އެ ޖަމިއްޔާ އިން މިއަދު އާއްމުކުރި ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އުމުރުން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 13 ޕަސެންޓް މީހުން ވަނީ ހިތާނުކޮށްފައެވެ. އަދި އުމުރުން 45-49 އަހަރާ ދެމެދުގެ 38 ޕަސެންޓް އަންހެނުން ހިތާނުކޮށްފައިވާއިރު، 15-19 އަހަރާ ދެމެދުގެ އަންހެން ކުދިން ހިތާނުކޮށްފައިވަނީ އެންމެ ޕަސެންޓެކެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި ހިތާނުކުރުމަކީ ކުރިން ރާއްޖޭގައި އާއްމު ކަމެކެވެ. އަދި ހިތާނުކޮށްފައިވައިވާ ގިނަ މީހުން އެކަންކޮށްފައިވަނީ އެ މީހުންގެ އުމުރުން ފަސް އަހަރު ނުފުރެނީސް ކަމަށާއި ބައެއް އަންހެނުން އުމުރުން 5-9 އަހަރާ ދެމެދު ހިތާނުކޮށްފައިވާ ކަމަށް ދިރާސާއިން ދައްކައެވެ.

ހިތާނުކޮށްފައިވާ އުމުރުން 15-24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ހިތާނުކޮށްފައިވަނީ ޑޮކްޓަރެއް ނުވަތަ ނަރުހެއްލައްވައެވެ. އަދި 30 ޕަސެންޓް މީހުން ހިތާނުކޮށްފައިވަނީ ދިވެހި ބޭސްވެރިން ލައްވާ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

ދިރާސާގައި އިތުރަށް ބުނެފައިވަނީ، އަންހެނުން ހިތާނުކުރުމަކީ ހުއްޓަންޖެހޭ ކަމެއް ކަމަށް 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 66 ޕަސެންޓް މީހުން ގަބޫލުކުރާ ކަމަށެވެ. އަދި އަށް ޕަސެންޓް މީހުން އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކޭއިރު އެއީ ދީނީ ގޮތުން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި 10 ޕަސެންޓް މީހުން ގަބޫލު ކުރާ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.