ޚަބަރު

އެކްސްޕޯޓް އިތުރުވި ނަމަވެސް އިމްޕޯޓް ކުރި މުދަލާއި އާމްދަނީ ދަށަށް

އަލީ ޔާމިން

މިދިޔަ މަހު ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރި މުދާ އިތުރުވި ނަމަވެސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު އަދަދު މަދުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ކޮންމެ އާންމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖަނަވަރީއާ އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ 10 އިންސައްތަ ދަށަށް ގޮސްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ދައުލަތަށް 303 މިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ ޖަނަވަރީ މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 272 މިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން މިދިޔަ ޖަނަވަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު 2019 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު ހަތަރު ޕަސެންޓް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ހަތަރު ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިއިރު، މިއަހަރުގެ ޖަނަވަރީ މަހު އެ އަދަދުވަނީ 3.8 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ދައުލަތުގެ އާމްދަނީ އާއި އިމްޕޯޓްކުރި މުދަލަގެ އަގު ދަށްވި ނަމަވެސް އެކްސްޕޯޓްކުރި މުދަލުގެ އަގު ވަނީ އިތުރުވެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން 347 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކްސްޕޯޓް ކޮށްފައިވަނީ 420 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިިދިޔަ އަހަރުގެ ޖެނުއަރީއާ އަޅާބަލާއިރު 21 އިންސައްތަ އިތުރު އަދަދެކެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކުރީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާ އާއި އަވަށްޓެރި އިންޑިއާ އިންނެވެ.

މިދިޔަ މަހު އެންމެ ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑުގެ އިތުރުން ޔޫއޭއީ އަދި ޗައިނާއަށެވެ.