ޚަބަރު

ނޭނގި ތިއްބައި ކާރިސާތައް އަންނަކަން އެނގި، ފުދުންތެރިކަން އިތުރުކުރުމުގެ ރޭވުންތެރިކަން ހުންނަންޖެހޭ: ޝިޔާމް

އަހުމަދު ވަޖީފު

ނޭނގި ތިއްބައި ކަރިސާތައް އަންނަކަން އެނގި ގައުމުގެ ފުދުންތެރިކަން އިތުރުކުރުމުގެ ރޭވުންތެރިކަން ހުންނަންޖެހޭ ކަމަށް ޕިޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދައިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް އިއްވާފައިވާ ސިޔާސީ ހުކުމާ ދެކޮޅަށް ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ކޮރޯނާވައިރަސްއާ ގުޅިގެން މި ސަރުކާރުން ހަރަދު ކުޑަކުރުމަށް ނިންމަވާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ. އެކަމަށް ރައްދުދެއްވައި ޝިޔާމް ވިދާޅުވީ ނޭނގި ތިއްބައި ގައުމަށް ކާރިސާތައް އަންނަކަން އެނގި ގައުމުގެ ފުދުންތެރިކަން އިތުރު ކުރަން އެނގެން ޖެހޭ ކަމަށާއި އަދި އެކަމުގެ ޕްލޭނުތައް ހެދިފައި ހުންނަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ނުދެނަ ތިއްބައި މިފަދަ ބައިވަރު ކާރިސާތައް އަންނަކަން އެނގިގެން، ގައުމުގެ ފުދުންތެރިކަން އިތުރުކުރަން މަސައްކަތްތަކެއް ކުރަންޖެހޭ. ރޭވުންތަކެއް ރޭވިފައި ހުންނަން ޖެހޭނެ،" ޝިޔާމްގެ ވަހަކައިގައި ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ސިވިލް ސާވިސް މުވައްޒަފުންނަށް އިތުރު ގަޑީގައި މަސައްކަތް ނުކުރެވޭ ގޮތަށް ހެދުމާއި އަދި އެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަކީ ހައްލެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ފެނިގެންދަނީ ރައްޔިތު މީހާ ކަތިލެވެމުންދާ މަންޒަރު ކަމަށާއި އެމްޑީޕީން ކޮންމެ ކަމެއްވެސް ނަގަނީ ޖޯކެއް ގޮތުގައިކަމުން މި ސަރުކާރުވެސް ވަނީ ބޮޑު ޖޯކަކަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި ސަރުކާރުން ހަރަދު ކުރާ ވަހަކަދެއްކުމަށްފަހު ފެންނަމުން ދަނީ ސިޔާސީ މަގާމުތައް އިތުރު ކުރަމުންދާ ތަން ކަމަށާއި އެގޮތުން އެކި އެމްބަސީތަކަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ ދަރިންނާއި އައިލާ މީހުން ވައްދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ރައީސް އޮފީހަށް އެތައް ޑެޕިއުޓީ މިނިސްޓަރުން ވެއްދުމުގެ އިތުރުން ސިޔާސީ އެކި މަގާމުތައް ދެމުންދާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި ރާއްޖެއަށް އިންވެސްޓް ކުރުމަށް ހުރިހާ ދޮރެއް ހުޅުވާލި ކަމަށާއި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭންކިން ހައްދަވައި ގައުމު ތަރައްގީކުރުމަށް ލޯނު ނަންގަވައިގެން އެ ލޯނުތައް ދެއްކުމަށް ފްރަސް ފަންޑުތައް ހަދާފައިވާ ކަމަށެވެ. ނަމަވެސް އެ ފަންޑުތަކުގައި ހުރި ފައިސާ މިހާރު ހުސްވަމުންދާ ކަމަށާއި ދައުލަތުގެ ފައިސާއަށް ވާނުވާ ނޭނގޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މި ސަރުކާރުން ތައާރަފުކުރި ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމުގައި ވަނުވާ ނޭންގޭ ކަމަށާއި ކިޔެވުމަށް ފައިސާ ދައްކަންޖެހެނީ ކިޔަވާ ކުއްޖާ އަމިއްލައަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އަމިއްލައަށް ފައިސާ ދައްކަން ޖެހޭތީ ބައެއް ކުދިން ޕްރޮގްރާމް ދޫކޮށް ރަށަށް ބަދަލުވެފައިވާ ކަމަށާއި ކިޔެވުމުގެ ފީ ސަރުކާރުން ނުދައްކާތީ އެކަމާ ގުޅިގެން ގަރާރުތައް ނެރުމަށް އެކުދިން ގުޅައި އެދެމުންދާ ކަމަށެވެ.