ޚަބަރު

ހެންވޭރު ގެއެއްގެ ހަތް ވަނަ ބުރީގެ ވައިގޮޅިން ވެއްޓުނު މީހަކަށް އޭޑީކޭގައި ފަރުވާދެނީ

މަރިޔަމް ޝަހުދާ

ހެންވޭރު ގެއެއްގެ ހަތް ވަނަ ފަންގި ފިލާގެ ވައިގޮޅިން މީހަކު ވެއްޓިއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ވެއްޓީފައިވާ މީހާގެ ގައިގެ ބައެއްތަންތަނުން މަަށައިގެންގޮސް، ދޫ ކަނޑައިގެން ދިއުމުގެ އިތުރަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާ ކަމަށް ނުފެނެއެވެ. އަދި މިހާރު އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގެ އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް މީހަކަށް ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރެވިފައިވަނީ މިއަދު 14:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގައި ކުރަމުންދިޔަ މަސައްކަތެއްގައި ބޭނުންކުރި "ބޮސުންސް ޗެއާ" ގެ ވާގަނޑެއް ކަނަޑައިގެން ދިއުމުގެ ސަބަބުން ކަމަށް ފުލުހުްނ ބުނެއެވެ. އަދި އެމީހާ ވެއްޓިފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގި ފިލާގައި އަޅާފައިވާ ޝީޓާއި ހަމައަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން، މިކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.