ޚަބަރު

ރާއްޖެޓީވީއާ ގުޅޭގޮތުން މުސްތަފާ ދެއްކެވި ވާހަކައަކީ ހަގީގަތެއްނަމަ އެއީ ސީރިއަސް މައްސަލައެއް: އާޒިމް

އައިދާ އަބްދުލް ހަކީމް

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާ ގުޅޭގޮތުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ދައްކަވާފައިވާ ވާހަކަތަކަކީ ހަގީގަތެއްނަމަ އެއީ ސީރިއަސް މައްސަލައެއް ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެހެން ވިދާޅުވީ ރާއްޖެޓީވީގެ ސާވާ ގަތުމަށް އެޓީވީގެ ކުރީގެ ޗެއާމަން ކަމުގައި ހުންނެވި އަކުރަމް، މުސްތަފާ އަތުން ފައިސާތަކެއް ނެގުމަށްފަހު އެފައިސާ ނުދައްކާ ކަމަށް ވިދާޅުވެ މުސްތަފާ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

އެ މުއާމަލާތްތައް ހިންގި ކަމަށް ބެލެވޭ ޗެކުތަކެއްގެ ފޮޓޯއާއެކު މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަކުރަމް އޭނާއަށް ދޭންޖެހޭ ފައިސާ ދޭން ބުނުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވިއްކާލި ރާއްޖެޓީވީގެ ހިއްސާގެ ފައިސާ ނުލިބި ހުރި ވާހަކަ ވިދާޅުވި ކަމަށެވެ.

ނަމަވެސް ރައީސް ސޯލިހް އަކްރަމަށް ދޭންޖެހޭ ފައިސާ ނުދެއްވުމަކީ އޭނާއަށް ލިބެންޖެހޭ ފައިސާ ހިފަހައްޓަންޖެހޭ ސަބަބެއް ނޫން ކަމަށާއި އަދި ރައީސް ސޯލިހު މިހާރު ހުންނެވީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމުގައި ކަމުން އެބޭފުޅާގެ އަތުގައި މިހާރު ފައިސާ ހުންނާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ކުރެއްވި އެ ޓުވީޓް ރީޓުވީޓް ކުރައްވާ އާޒިމް ވިދާޅުވީ ވިޔަފާރިވެރިއެއްގެ މުށުތެރޭގައި ޕްލޭނިން މިނިސްޓްރީ އޮވެއްޖެނަމަ އެ މިނިސްޓްރީގެ ކަންކަން ނިންމުމުގައި ވިޔަފާރިވެރިޔާގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މުސްތަފާގެ އެ ތުހުމަތުތަކަކީ ހަގީގަތެއްނަމަ އެއީ ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އަކުރަމް "ވަން" އަށް ވިދާޅުވީ، މުސްތަފާއަކީ ކޮންކަހަލަ މީހެއްކަން ވިސްނާލުމަށާއި އެކަމާ ގުޅޭގޮތުން އިތުރު ކޮމެންޓެއް ނެތް ކަމަށެވެ. ނަމަވެސް އަކުރަމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެޓީވީގެ ނަމުގައި އެއްވެސް މުއާމަލާތެއް އެއްވެސް އިރެއްގައި މުސްތަފާއާއެކު ކޮށްފައިނުވާނެ ކަމަށެވެ.

އަކުރަމް އެ ޓުވީޓަށް ވެސް މުސްތަފާ ވަނީ ރައްދު ދެއްވައިފައެވެ. މުސްތަފާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެ ޗެކުތައް ދޫކޮށްފައިވަނީ ރާއްޖެޓީވީގެ ނަމުގައި ނޫން ކަމަށާއި އެ ފައިސާ ދޫކުރީ އަކުރަމް ކަމާލުއްދީންގެ ނަމުގައި ކަމަށެވެ. އަދި ފައިސާ ހޯދާފައިވަނީ ރާއްޖެޓީވީގެ ސާވާ ގަތުމަށް ކަމަށާއި އެ ބަހައްޓަނީ ސަރުކާރަށް ނޭނގޭނެހެން އަވަށްޓެރި ސްރީ ލަންކާގައި ކަމަށް އަކުރަމް ވިދާޅުވި ކަމަށް ވެސް މުސްތަފާ ވިދާޅުވެފައިވެއެވެ.

މުސްތަފާ އިތުރަށް ވިދާޅުވީ އަކުރަމްގެ ނަމުގައި ހުރި ހުރިހާ ޗެކުތައް މިހާރު ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާދުވަހު މައްސަލަ ހުށަނާޅާ ހުރީ އަކުރަމް އަރުވާލެވިގެން ހުރުމުން ހާލަތަށް ބެލުމަށް ފަހުގައި ކަމަށެވެ.