ޚަބަރު

މަންތާ އެއާގެ ބްރޭންޑް، ނައިބު ރައީސް ފައިސަލް އިފްތިތާހުކޮށްދެއްވައިފި

ރާއްޖޭގެ އެތެރޭގެ ވައިގެ އުދުހުންތަކަށް ހާއްސަކޮށްގެން އަލަށް ވައިގެ ހިދުމަތް ދޭން ފަށާ މަންތާ އެއާގެ ބްރޭންޑް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވައިފިއެވެ.

ނައިބު ރައީސް ފައިސަލް، މަންތާ އެއާގެ ބްރޭންޑް އިފްތިތާހުކޮށްދެއްވީ ދަރުބާރުގޭގައި އެކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

މަންތާ އެއާގެ ފުރަތަމަ ބޯޓު މިމަހުގެ 13 ވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ. މަންތާ އެއާގެ ފުރަތަމަ ބޯޓަކީ އޭޓީއާރު 600-72 މަރުކާގެ ބޯޓެކެވެ.

މަންތާގެ ސީއީއޯ މުހައްމަދު ހަލީލް ކުރިން ވިދާޅުވެފައިވަނީ މަންތާގެ އެންމެ ބޮޑު އެއް މަގްސަދަކީ ރާއްޖޭގައި އެތެރޭގެ އުދުހުމުގައި އުފެދިފައިވާ މަނޮޕޮލީ ނައްތާލައި ރަނގަޅު ވާދަވެރިކަމެއް އުފައްދުން ކަމަށެވެ. އޭގެ ސަބަބުން އޮޓޮމެޓިކްކޮށް އަގުތައް އެއްވަރެއްގައި ހިފަހައްޓައި ހެޔޮވެގެން ދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

މަންތާގެ ފުރަތަމަ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ ކުޑަހުވަދޫއިން މާލެއަށެވެ. އެއަށްފަހު ދަރަވަންދުއަށާއި ތިމަރަފުއްޓަށް ދަތުރުތައް ފަށާނެ ކަމަށާއި ތިންވަނަ އެއާކްރާފްޓް ލިބުނީމަ އެހެން ޑެސްޓިނޭޝަންތަކަށް ދަތުރުތައް ފަށާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

މަންތާ އެއާގެ ދެވަނަ ބޯޓު ޑިސެމްބަރު މަހުގައި ރާއްޖެ އަންނާނެއެވެ.