ޚަބަރު

އެސްއެސްސީ އިމްތިހާން ބާއްވާ ގޮތާމެދު 400 ބެލެނިވެރިންގެ ސޮޔާއެކު މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

އިބްރާހިމް ޒަކީ

ގްރޭޑް 10 ގައި ތައުލީމު ހާސިލުކުރާ ކުދިންނަށް ތައްޔާރުވާން ވަގުތު ނުދީ ގުރުއާން މާއްދާއިން އެސްއެސްސީ އިމްތިހާން ދިނުމަށް ނިންމާފައިވާ ކަމަށް ބުނެ، އެކި ސްކޫލްތަކުގެ 400 ބެލެނިވެރިން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ސްޕޮންސާ ކުރައްވާފައިވާ އެ ޕެޓިޝަނުގައި ތިން ކަމެއް ބެލެނިވެރިން ފާހަގަކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ކުދިންނަށް ސްޓްރީމްތައް ކަނޑައެޅި އިރު، ކިޔަވަންޖެހޭ މަޖުބޫރު މާއްދާތަކާއި، އޮޕްޝަނަލް މާއްދާތަކުގައި ގުރުއާން ހިމެނިފައިނުވާއިރު ކުއްލިއަކަށް ކުދިންނަށް އެ މާއްދާ މަޖްބޫރު ކުރުވަން އުޅުމެވެ. އަދި ދަރިވަރުންނާއި ޓީޗަރުން ތަމްރީނު ނުކޮށް ކުއްލިއަކަށް ގުރުއާން މާއްދާއިން ގައުމީ ފެންވަރުގެ އިމްތިހާނެއް ބޭއްވުމަށް ކަނޑައެޅުމާއި، ދަރިވަރުން، އެ މާއްދާއަށް އަހުލުވެރި ވެފައިނެތުމާއި، ސްކޫލްތަކުން ކުދިިންނަށް ކިޔަވައިދިން ގޮތާއި، އެސްއެސްސީ އިމްތިހާނު ދޭން ކަނޑައަޅާފައި އޮތް ގޮތްތައް ތަފާތުވުންވެސް މައްސަލައެއްގެ ގޮތުގައި ޕެޓިޝަނުގައި ހިމަނާފައިވެއެވެ.

މިގޮތުން މަހުރަޖު ތަކުންނާއި، ތަޖުވީދުން ޓެސްޓު ކުރަން ކަނޑައަޅާފައިވާ ގޮތާއި ސްކޫލްތަކުން ކިޔަވާދީފައިވާ ގޮތް ތަފާތުވުމުގެ އިތުރުން ބަލައިގެން ކިޔަވަން އޮތްބައި ބޮޑުވުންވެސް މައްސަލައެއްގެ ގޮތުގައި ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ މި ޕެޓިޝަނުގައި، ނ.ހެނބަދޫ ސްކޫލުން 33 ބެލެނިވެރިން، ކަލާފާނު ސްކޫލުން 64 ބެލެނިވެރިން، މަޖިދިއްޔާ ސްކޫލުން ހަތް ބެލެނިވެރިން، އަހުމަދިއްޔާ ސްކޫލުން 15 ބެލެނިވެރިން ޖަމާލުއްދީން ސްކޫލުން ނުވަ ބެލެނިވެރިން، ބިލަބޮން އިންތަނޭޝަނަލުން 53 ބެލެނިވެރިން، އަމީނިއްޔާ ސްކޫލުން 25 ބެލެނިވެރިން، ތާޖުއްދީން ސްކޫލުން ދެ ބެލެނިވެރިން، އިސްކަންދަރު ސްކޫލުން 20 އަދި ރެހެންދި ސްކޫލުން 11 ބެލެނިވެރިންނާއި ހުރަވީ ސްކޫލުން 47 ބެލނެިވެރިން، ބްރައިޓްވޭ ސްކޫލުން 14 ބެލެނިވެރިން، ގާޒީ ސްކޫލުން 18 ބެލެނިވެރިންގެ އިތުރުން ހދ. ހަނިމާދޫ، ބްރިޖް ލާނިންގ، އާއި ވިލާ ކޮލެޖުން، ކޮންމެ ސްކޫލަކުން ބެލެނިވެރިއަކު އަދި ގިޔާސުއްދީން ސްކޫލުން ތިން ބެލެނިވެރިއަކު ސޮއި ކުރައްވާފައިވާ ކަމަށެވެ.

މަޖިލިސް ރައީސް ވަނީ އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވައިފައެވެ.