ޚަބަރު

މިއަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް ޝަހުދާ

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި މިވަނީ، ކުންފުނިތަކުން ދޭ ހިދުމަތަށް ގިނަ މާކްސް ލިބޭ ގޮތަށް އުސޫލު އިސްލާހު ކުރުމަށް ފަހުއެވެ.

ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ދެވޭ މައުލޫމާތު ކަރުދާސް މިނިސްޓްރީގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހު 26 ވަނަ ދުވަހުގެ 12:00 ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދިނުމަށް މިމަހު 13ވާ އަންނަ ބުރާސްފަތި ދުވަހު 13:00 މިނިސްޓްރީގައި ބައްދަލުވުމެއް އޮންނާނެ ކަމަަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ 23 ވަނަ ދުވަހުގެ 12:00ގެ ކުރިން ދައްކަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ މިއަދުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 12:00 އަށް މިނިސްޓްރީގެ ކައުންޓަރުން ބަލައިގަންނާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ އަކީ 10،000 ރުފިޔާ އެވެ. މިނިސްޓްރީން ވަނީ ކުންފުނިތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް ވެސް އާންމުކޮށްފައެވެ. އެގޮތުން %85 މާކްސް އަކީ ކުންފުނިތަކުން ދޭ ހިދުމަތަށް ލިބޭ މާކްސް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ގެންދިއުމަށް ހުށަހަޅާ އަގަށް %10 އަދި ތަޖުރިބާއަށް ދިނުމަށް ނިންމާފައި ވަނީ ފަހެއް އިންސައްތަ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.