ފަނަރަ އަހަރުތެރޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 3135 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު އޭގެތެރެއިން 2050 މައްސަލައެއް އަދިވެސް އޮތީ ނުނިމިކަން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ތައްޔާރުކުރި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭ ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓުން ހާމަވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެކުލަވާލި މި ރިޕޯޓުގައި، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ނުލިބުމުގެ ޝަކުވާ އެކޮމިޓީއަށް ތަކުރާރުކޮށް ހުށަހެޅެމުން ދާކަން ފާހަގަ ކޮށްފައި ވެއެވެ. އަދި މި ރިޕޯޓަކީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުދިންނަށް އިންސާފު ލިބިފައިވާ މިންވަރު ދެނެގަތުމަށް އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ 15 އަހަރުދުވަހުގެ ތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ޖުމުލަ 3135 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރެއިން ޝަރީއަތަށް ފޮނުވާފައި ވަނީ 1058 މައްސަލަ އެވެ. ޝަރީއަތަށް ފޮނުވި މައްސަލަތުގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ %36.41 އިންސައްތަ މީހުންގެ މައްޗަށް ކަމަށް މި ރިޕޯޓުގައި ވެއެވެ. އަދި %45.35 އިންސައްތަ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގީ މުއްދަތު ދިގުކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ފާއިތުވި 15 އަހަަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން %70.46 މައްސަލައިގެ ތަހުގީގު ނިންމުމަށް އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވެފައިވާ ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. މިހާ ދިގު މުއްދަތެއް ނެގުމަކީ ކުދިންނަށް އިންސާފު ލިބުމަށް އެޅޭ ހުރަހެއް ކަމަށާއި، ތަހުގީގީ މުއްދަތު ދިގުލައިގެން ދިއުމަކީ ކުއްޖާ އިތުރު ނުރައްކަލަކަށް ހުށަހެޅިގެން ދިއުމަށް ދެވޭ ފުރުސަތެއް ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ
ކޮމިޓީ ރިޕޯޓުގައި ދުވަހެއް ދުވަހަކަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މުޖުތަމައުން ފެންނަ ވަރު ކަންބޮޑުވާ ވަރަށް ގިނަވާކަން ފާހަގަކޮށްފައި ވެއެވެ. އެގޮތުން 2017 ވަނަ އަހަރު އެކަނިވެސް ފުލުހުންނަށް ޖިންސީ ގޯނާގެ 416 މައްސަލަ، 2018 ވަނަ އަހަރު ޖިންސީ ގޯނާގެ 361 މައްސަލަ އަދި 2019 ވަނަ އަހަރު ޖިންސީ ގޯނާގެ 416 މައްސަލަ ހުށަހަޅާފައިވާކަން ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން 2018 ވަނަ އަހަރު ޖެންޑާ މިނިސްޓަރީއަށް ކުޑަކުދިންނަށްކުރާ އަނިޔާގެ 1305 މައްސަލައެއް ހުށަހަޅާފައިވާކަން ތަފާސް ހިސާބުތަކުން އެނގޭކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އަދި މީގެ ތެރެއިން 358 މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައި ވާއިރު ގއ.ކަނޑުހުޅުދޫ ގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް އިތުބާރު ހިފޭ މަގާމެއްގައި ތިބި ބަޔަކު ޖިންސީ އަނިޔާ ކުރި މައްސަލަ ވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން މި މައްސަލަ ތިލަވުމާއެކު އެފަދަ ކަންކަމުގެ ޝިކާރައަށް ވެފައިވާ ކުދިންނާއި މީހުން، އެމީހުން ތަހައްމަލު ކުރި އަނިޔާގެ ވާހަކަ ދެއްކުން އިންތިހާއަށް އިތުރުވި ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ދުވަހެއް ދުވަހަކަށް މައްސަލަތައް އިތުރުވެ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ގިނަވަމުން ދާއިރު، ކަމާ ގުޅޭ އިދާރާތަކަށް ވެސް އެކި ކަހަލަ ގޮންޖެހުންތަކާ ދިމާވެފައިވާކަން މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކަމާ ގުޅޭ މުއައްސަސާ ތަކުން އެކުގައި މަސައްކަތް ކުރެވޭނެ ނިޒާމެއް އަދި އުސޫލެއްވެސް އެކުލަވާލާފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ. ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ބޭނުން ކުރަމުން ދަނީ އެއް ޑާޓާބޭސްއެއް ނޫން ކަމަށާއި މިކަމުގެ ސަބަބުން އެކި މުއައްސަސާތަކުން ކޮމިޓީއާއި ހިއްސާކުރި މައުލޫމާތުތައް އަޅާކިޔުމަށް ވެސް ދަތިތަކާ ކުރިމަތިވިކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.