ޓެކްސީ ބޯޑަށް ފީ ނެގުން ހުއްޓާލާފައިވާކަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ފުރަތަމަ ހަތް ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ ތިން ކަމެއް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމަކީ ޓެކްސީ ބޯޑަށް ފީ ނެގުން ހުއްޓާލުމެވެ. ކުރިން ޓެކްސީ ކުރުމުގެ ހުއްދަ ހޯދުމަށް ޓެކްސީ ބޯޑަށް ފީއެއްގެ ގޮތުގައި ނަގަނީ 50،000 ރުފިޔާއެވެ. ނަމަވެސް އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ފީ ނުނަގާނެ ކަމަށް އައިޝާ ވިދާޅުވިއެވެ.
"އާދީއްތަ ދުވަހުން ފެށިގެން ޓެކްސީ ބޯޑަށް ފީއެއް ނުނަގާނެ،" މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.
އައިޝާ ވިދާޅުވީ މަގުމަތީގައި ބޭނުންނުކޮށް ގިނަ ދުވަހު ޕާކްކޮށްފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތާއި ދައުލަތަށް ކުރިން ނަގާފައިވާ ތަންތަން ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތަށް އެތަންތަން ދޫކޮށްލުން ވެސް ސަރުކާރުގެ ފުރަތަމަ ހަތް ދުވަސްތެރޭ ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
"ފުލުހުންގެ ބޭފުޅުން މަގުމަތީގައި ގިނަ ދުވަހު ބޭނުންނުކޮށް ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ވެސް ފަށައިފި. ދެ ދުވަހެއް ކުރިން އެބޭފުޅުން އެ މަސައްކަތްތައް ފައްޓައިފި. ދައުލަތަށް ކުރިން ނަގާފައިވާ ތަންތަން ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތަށް އެތަންތަން ދޫކޮށްލަން މިހާރު އަޅުގަނޑުމެން ވާނީ ނިންމައިފަ. އެހެންވީމާ އެތަންތަން އޮންނަ އުސޫލުގެ ދަށުން ރައްޔިތުންނަށް ބޭނުންކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.