އިބްރާހިމް ޒަކީ
މަސް ފެކްޓްރީއެއް ހެދުމަށްޓަކައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހޮރައިޒަން ފިޝަރީޒަށް ގދ. ހޯނޑެއްދޫން ދޫކޮށްފައިވާ ބިމާ ބެހޭ މައްސަލަ ކޯޓު މަރުހަލާއިން ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފިޝަރީޒް މިިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓަރު މިހެން ވިދާޅުވީ، މަސް ފެކްޓްރީއެއް ހެދުމަށް ޓަކައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒަށް ގދ. ހޯނޑެއްދޫން ދޫކޮށްފައިވާ ބިމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ކަޅުބިލަމަހުގެ ސިނާއަތު ތަރައްގީކުރުމަށް ހިންގާ ޕްރޮޖެކްޓުގެ ދަށުން، ހަތަރު ޒޯނެއް ކަނޑައަޅައި ހުޅުވާލި ފުރުސަތުގައި ޒޯން ތިނެއްގެ ބީލަން ކާމިޔާބު ކޮށްގެން، ޒޯން ތިނެއްގައި މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ހޮރައިޒަން ފިޝަރީޒާއެކު ސަރުކާރުން އެއްބަސްވީ 10 ސެޕްޓެމްބަރު 2003 ގައި ކަމަށެވެ.
އެއަށްފަހު ދެކުނުގެ މަސް ގަތުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ދެކުނުގައިވާ ދެޒޯން ކަމަށްވާ ޒޯން ހަތަރަކާއި ތިނެއް އެއްކޮށްލައި ގއ. އިން ފެށިގެން ފެށިގެން ސ. އަތޮޅާ ހަމައަށް ހޯނޑެއްދޫގައި މަސްގަންނަ ސެންޓަރެއް ގާއިމް ކުރަން ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި އަށެއް ޑިސެމްބަރު 2005ގައި ސަރުކާރުން ސޮއި ކުރި ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން، ހޯނޑެއްދޫ ބިމުން 8.9 ހެކްޓަރުގެ ބިން، އަދި އެ ބިމާ އިންވެގެން ހިއްކާފައިވާ، 4.5 ހެކްޓަރުގެ ބިމާ އެކު ޖުމުލަ 13.5 ހެކްޓާރުގެ ބިން ކުއްޔަށް ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ހޮރައިޒަނުން ހޯނޑެއްދޫގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 160 ޓަނުގެ ބްރައިން ޓޭންކެއް އަދި 50 ޓަނުގެ ޕްލާންޓެއް ގާއިމް ކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރު ޒަހާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ފުރަތަމަ ލަސްވީ، ޝޯބޭސް އިންވެސްޓްމެންޓް ގާއިމް ކުރުމަށް ހޯނޑެއްދޫ ބަނދަރު ފުންކުރާއިރު ނަގާފައިވާ ވެލި ބޭނުންކޮށްގެން ހޯނޑެއްދޫ އާއި މަޑަވެއްޔާއި ދެމެދުގައިވާ ސަރަހައްދު ހިއްކުމުގެ މަސްކަތް ކުރުމަށް 19 މާޗް 2007ގައި ސަރުކާރުން ނިންމައި، ކުއްޔަށް ދީފައިވާ ބިމުގައި އިމާރާތްކުރަން ޖެހޭ ތަނުގައި އެ ވެލިފުނި ހުރުމުންނެވެ.
ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ލަސްވެފައިވާ ކަށްވެސް ވިދާޅުވިއެވެ. އަދި އެ މަަސައްކަތް ނިންމުމަށް ބޭނުންވާ ހުރިހާ މުދަލެއް ސައިޓުގައި މޯބަލައިސްކޮށްފައި ހުއްޓައި ދިމާވި ހާދިސާއެއްގައި އެ ތަކެތި އަނދާފައިވާ ކަމަށް އެފަރާތުން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އޭގެ ފަހުން އެރަށުގައި ހައުސިން ޔުނިޓްތަކެއް ހެދުމަށް ވެލި ބޭނުން ވެގެން، ޕްލޭނިން މިނިސްޓްރީގެ އެދުމަކަަށް، އެ ވެލިފުނި ނެގުމުގެ ހުއްދަދީ، ވެލިފުނި ނަގައި ނިމޭ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި، ހޯނޑެއްދޫގެ މަސައްކަތް ނިންމުމަށް 10 ފެބްރުއަރީ 2016ގައި ހޮރައިޒަން އަށް އެންގި ކަމަށެވެ.
މިނިސްޓަރު ޒަހާ އިތުރަށް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އައިސް މަސް ގަންނަ ސެންޓަރުތައް އޮޕަރޭޝަނަށް ގެންނަން ކުރި މަސައްކަތުގެ ދަށުން މިނިސްޓްރީގެ ވަފުދެއް 28 އޭޕްރީލް 2019 ގައި ހޯނޑެއްދުއަށް ގޮސް ވެލިފުނީގެ ސައިޒް ބަލާފައިވާ ކަމަށެވެ. އަދި ހޯނޑެއްދޫގައި މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ކަމުގެ ސަބަބުން އެއްވެސް ދައްޗެއް ނެތް ކަމަށް ހޮރައިޒަން ފިޝަރީޒަށް އަންގައި، މަސައްކަތް ކުރިއަށްގެންދާނެ ވޯކް ޕްލޭނެއް ހުށަހެޅުމަށް 10 ޖޫން 2019 އަންގާފައި ވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާތަނަށް އައި އިރު އެފަރާތުން އެއްވެސް ޖަވާބެއް ދީފައި ނުވާތީ، އެކަމާ ބެހޭ ގޮތުން ކަރުދާހެއް އެކުލަވާލައި އިކޮނިމިކް ކައުންސިލަށް ހުށަހެޅުއްވި ކަމަށެވެ.
"އިކޮނޮމިކް ކައުންސިލުން ލަފާދީފައި ވަނީ މަސްގަތުމުގައި ސަރުކާރާއެކު ވި އެއްބަސްވުމުގެ ދަށުން ދީފައިވާ އެކްސްކްލޫސިވިޓީ އުވާލުމަށް ކުންފުނިތަކާއެކު މަޝްވަރާ ކުރުމަށާއި، މަޝްވަރާއިން ކުރިއެރުމެއް ނުލިބިެއްޖެނަމަ އެގްރީމެންޓްގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް. ކައުންސިލްގެ ލަފާގެ މަތިން ފިޔަވަޅު އެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ވާނީ ހުށަހަޅާފަ،" މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.
ޒަހާ ވިދާޅުވީ އެގޮތުގެ މަތިން އެ މައްސަލައަށް ހައްލެއް ހޯދުމަށް ކޯޓު މަރުހަލާއިން މަސައްކަތް ކޮށް އެގްރީމެންޓް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.