މިނިމަމް ވޭޖް ކަނޑައަޅަން، ވަޒީފާއާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ބުނެފައިވާ ގޮތުން، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާނީ ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާއެވެ. އަދި އެ ބިލުގެ ފުރަތަމަ ކިޔުން އޮންނާނެއެވެ.
އެހެންކަމުން ހުށަހެޅި އިސްލާހުތަކުގެ ތަފްސީލެއް ލިބޭނީ މާދަމާ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުންނެވެ.
ވަޒީފާއާބެހޭ ގާނޫންގެ 56 ވަނަ މާއްދާގެ (ހ)ގެ ދަށުން އެކުލަވާލާފައިވާ އުޖޫރައާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރަށް ލަފާދޭ ބޯޑެއް މިހާރު ވެސް އޮވެއެވެ. އެ ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަސް މެމްބަރެއްގެ މައްޗަށެވެ.
އޭގެ އިތުރުން އެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން މިނިސްޓަރަށް އަރުވާ ލަފާ ދިރާސާކުރުމަށްފަހު ވަކި މަސައްކަތަކާ ގުޅޭގޮތުން ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ގޮތުން ނުވަތަ ބަދަލުކުރުމުގެ ގޮތުން ނުވަތަ ނުވަތަ ބާތިލު ކުރުމުގެ ގޮތުން މިނިސްޓަރަށް އަމުރެއް ނެރެވިދާނެ ކަމަށެވެ.
މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރު މުވައްޒަފަކަށް ގަޑިއަކަށް ޖެހޭނެ އަދަދާއި މަސައްކަތުގެ ބަޔަކަށް ޖެހޭނެ އަދަދާއި އަދި އިތުރު ގަޑީގައި ލިބޭނެ މިންވަރު ވެސް ކަނޑައެޅި ދާނެއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިނިވަމް ވޭޖުގެ ގޮތުގައި ކަނޑައަޅަނީ ކިހާ އަދަދެއް ކަމެއް ސަރުކާރުން އަދި ހާމަނުކުރި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި އެއަދަދަކީ 6،000 ރުފިޔާއެވެ.