ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ޕްރޮޖެކްޓެއް ދިވެހި ސަރުކާރާއި ޔޫރަޕިއަން ޔުނިއަން (އީޔޫ) ގުޅިގެން ލޯންޗުކޮށްފިއެވެ.
މި ޕްރޮޖެކްޓް ލޯންޗު ކޮށްފައިވަނީ ދިވެހިރާއްޖެ އާއި ވިލާތުގެ އިއްތިހާދާ ދެމެދު ބޭއްވުނު ސީނިއާ އޮފިޝަލުން ފެންވަރުގެ ފުރަތަމަ ބައްދަލުވުމުގައެވެ. އެ ބައްދަލުވުން ބޭއްވީ މިއަދު މެންދުރު ފޮރިން މިނިސްޓްރީގައެެވެ.
މި ޕްރޮޖެކްޓަކީ ރާއްޖެ-އީޔޫ ސަލާމަތީ އެއްބާރުލުމަށް އީޔޫ އިން ކަނޑައަޅާފައިވާ 43 މިލިއަން ރުފިޔާ (2.5 މިލިއަން ޔޫރޯ) ގެ ތެރެއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް އާއި ދިވެހި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެންނެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދު އީޔޫއާއެކު އޮތް ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އީޔޫއާ ދެމެދު މަޝްވަރާތައް ބާއްވާނެ އާ ނިޒާމެއް ގާއިމުކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އަހަރުގެ ޖޫން މަހު ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅުގައި އީޔޫގެ އޮފިޝަލުންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ބޭއްވުނު ފުރަތަމަ ބައްދަލުވުން ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވަނީ ގިނަ ދާއިރާތަކުން ރާއްޖެއާއި އީޔޫގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޝަރުއީ ދާއިރާއާއި އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ރާއްޖެއަށް އެއްބާރުލުން ދިނުމާ ބެހޭ މަޝްވަރާތައް ހިމެނެއެވެ.