ޚަބަރު

ގާނޫނާ ހިލާފު އަމުރުތަކަށް ތަބާވާ ފުލުހުން އެއް އަހަރަށް ޖަލަށް ލަނީ

އަލީ ޔާމިން

1

އެއްވެސް ފުލުހެއްގެ މައްޗަށް ގާނޫނާ ހިލާފު އަމުރެއް ކުރުމާއި، ގާނޫނާ ހިލާފަށް ކުރާ އަމުރަކަށް ފުލުހަކު ނުވަތަ ފުލުހުން ތަބާވެއްޖެ ނަމަ އެމީހެއްގެ މައްޗަށް ޖިނާއީ ދައުވާކޮށް އަދަބެއްގެ ގޮތުން އެއް އަހަރަށް ޖަލަށް ލުން ނުވަތަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް "ފުލުހުންގެ ހިދުމަތުގެ ބިލު"ގައި ހިމަނައިފިއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް ހުށަހަޅައިފައިވަނީ މިދިޔަ ހަފްތާގައެވެ. އެ ބިލް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެ ބިލުގެ ފުރަތަމަ ކިޔުން ނިމިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަނީ އިއްވައިފައެވެ. ނަމަވެސް އަދި އިބްތިދާއީ ބަހުސް މަރުހަލާ އަދި ފަށައިފައެއް ނުވެއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގެ 20 ވަނަ ބާބުގައި ފުލުހުންގެ ޔުނިފޯމާއި ޝަރަފުގެ ނިޝާން ގާނޫނަށް ހިލާފަށް ބޭނުން ކުރުމުން އަޅާނެ ފިޔަވަޅާއި ގާނޫނާ ހިލާފު އަމުރު ކުރާ ފުލުހުންނާއި އެ އަމުރަށް ތަބާވާ ފުލުހުންނަށް އަޅާނެ ފިޔަވަޅު ވަނީ ހިމަނައިފައެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގެ 133 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެއްވެސް ފުލުހަކު އެހެން ފުލުހެއްގެ މައްޗަށް ގާނޫނާ ހިލާފު އަމުރެއް ކުރުމަކީ ކުށެއް ކަމަށެވެ. އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ އެއްވެސް ފުލުހަކު ގާނޫނާ ހިލާފު އަމުރަކަށް ކިޔަމަންވުމަކީވެސް ކުށެއް ކަމަށެވެ. އަދި އެ ކުށް ކުރާ ފުލުހުން 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް ނުވަތަ އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށްވެސް ބިލުގައިވެއެވެ.

ފުލުހުން ވަޒީފާއަށް ފިލުމަކީވެސް ޖިނާއީ ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފައެވެ. ބިލުގައިވާ ގޮތުން ފުލުހުންގެ ޔުނިފޯމާއި ޝަރަފުގެ ނިޝާން ގާނޫނާ ހިލާފަށް ބޭނުންކޮށްފި ނަމަ 10،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް އެއްމަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟