ޚަބަރު

ޖުމްހޫރީ ޕާޓީގެ ޕްރައިމަރީ ދެ ރަށަކާއި މާލޭގައި

އަލީ ޔާމިން

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ރަށަކާއި މާލޭގެ އެއް ދާއިރާގައި ކަމަށް އެޕާޓީން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ.

ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް ބެލިބެލުމުން މިހާތަނަށް ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ އދ. މާމިގިއްޔާއި ފެންފުށީގެ އިތުރުން މާފަންނު ހުޅަނގު އުތުރު ދާއިރާގައި ކަމަށެވެ. އދ. މާމިގިލި އަދި ފެންފުއްޓަކީ ޖޭޕީގެ ލީޑަރު ނިސްބަތްވެވަޑައިގަންނަވާ ދެ ރަށެވެ.

ޖުމްހޫރީ ޕާޓީން މީގެ ކުރިން ބުނީ އެ ޕާޓީން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ހުރިހާ ގޮނޑިއަކަށް ކުރިމަތިލާނެ ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުުން އިންތިހާބު ކުރާއިރު، އަންހެނުންގެ ކޮމިޓީތަކަށް 929 މީހުން އިންތިހާބު ކުރާނެއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ތަފާތު ބޮޑު އިންތިހާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.