ޚަބަރު

އާއިލާގެ ފަރާތުން ގައިދީންނަށް އަންނައުނު ފޮނުވޭ ގޮތް އަލުން ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް އާއިލާގެ ފަރާތުން ފޯރުކޮށްދޭން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލި އުސޫލަށް ބަދަލު ގެނެސް، މިއަދުން ފެށިގެން އެ ފަރާތްތަކަށް އަންނައުނު ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރެފައިވާ އާންމު އުސޫލުގަ (ނަންބަރު:AU-2020/03 ) ބުނެފައި ވަނީ މީގެ ދެއަހަރު ކުރިން (15 އޮކްޓޯބަރ 2017) އަންނައުނު ފޮނުވުން މެދުކަނޑާލީ ގައިދީންނަށް ފޮނުވާ އަންނައުނު މެދުވެރިކޮށް މަސްތުވާތަކެތި ޖަލަށް ވެއްދުމަށް މަސައްކަތްކުރުމުގެ ހާދިސާތައް ގިނަވަމުން ދިއުމުގެ ސަބަބުންނެވެ.

ކަރެކްޝަނުން ބުނީ އަލަށް އެކުލަވާލެވުނު އުސޫލުގައިވެސް އަންނައުނު މެދުވެރިކޮށް ޖަލަށް ވެއްދުން މަނާތަކެތި ވައްދަން މަސަކައްކަތްކުރާ ކަމަށް ފާހަގަކުރެވިއްޖެ ނަމަ، ވަގުތުން ފުލުހުންނަށް ރިޕޯޓުކޮށް، އެ ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

ބަދަލު ގެނެވުނު މި އުސޫލުގައި އާއިލާގެ ފަރާތުން ޖަލުގައި ތިބި ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް އަންނައުނު ފޯރުކޮށްދިނުމުގައި އަމަލުކުރަންވީ އުސޫލުތަކުގެ ތަފްސީލު އެ ސާވިސްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ކަރެކްޝަން އިން ބުނީ ޖަލުގައި ތިބޭ ފަރާތްތަކުގެ އާއިލާއިން ގެންނަ އަންނައުނު މިއަދުން ފެށިގެން މާލެ ޖަލުގެ ރިސެޕްޝަނުން ކޮންމެ ހޮނިހިރު ދުވަހެއްގެ 9:00 އިން 14:00 އަށް ބަލައިގަންނާނެ ކަމަށެވެ.