އަލީ ޔާމިން
ދިވެހިރާއްޖެ އާއި ވިލާތުގެ އިއްތިހާދާ ދެމެދު ބާއްވާ ސީނިއާ އޮފިޝަލުން ފެންވަރުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ރާއްޖެ އާއި އީޔޫއާ ދެމެދު މަޝްވަރާތައް ބާއްވާނެ އާ ނިޒާމެއް ގާއިމްކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އަހަރުގެ ޖޫން މަހު ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅުގައި އީޔޫގެ އޮފިޝަލުންނާއެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ގާއިމްކުރެވުނު ނިޒާމްގެ ތެރެއިން ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ރާއްޖޭގައި ޑިމޮކްރަސީ އިޔާދަކޮށް، ހެޔޮވެރިކަމާއި ގާނޫނުގެ ވެރިކަންކުރުމަށް މިހާރުގެ ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން، ބައިނަލްއަގުވާމީ ބައިވެރިންނާއި ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖެ އާއި އީޔޫގެ ގުޅުން އިތުރަށް ހަރުދަނާކުރުމާގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ބުންޏެވެ.
މީގެ އިތުރުން ޔޫރަޕިއަން ކޮމިޝަނާއި ޔޫރަޕިއަން ކައުންސިލްގެ އާ ރައީސުންނާއި އީޔޫ ހައި ރެޕްރެޒެންޓޭޓިވް ފޮ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ/ވައިސް ޕްރެޒިޑެންޓް އޮފް ދަ ޔޫރަޕިއަން ކޮމިޝަން ޖޮސެޕް ބޮރެލްގެ ބެއްލެވުމުގެ ދަށުން ރާއްޖެ ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ހުރިހާ ބައިވެރިންނާއެކު އޮންނަ ގުޅުން އިތުރު ކުރުމަށް އީޔޫ އޮތީ ތައްޔާރަށް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެގޮތުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި، އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ އިތުރަށް ހަރުދަނާކުރުމަށް އީޔޫ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށާއި އަދި ރާއްޖޭގެ ޝަރުއީ ދާއިރާ ވަރުގަދަކޮށް، ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކެއް ބަލަމުންދާކަން އީޔޫ އިން ފާހަގަކޮށްފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބައްދަލުވުމާއި ދިމާކޮށް، ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކުރުމަށް މިއަދު ވަނީ ޕްރޮޖެކްޓެއް ވެސް ލޯންޗުކޮށްފައެވެ. މި ޕްރޮޖެކްޓަކީ ރާއްޖެ-އީޔޫ ސަލާމަތީ އެއްބާރުލުމަށް އީޔޫ އިން ކަނޑައަޅާފައިވާ 43 މިލިއަން ރުފިޔާ (2.5 މިލިއަން ޔޫރޯ)ގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް އާއި ދިވެހި ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތައް ގުޅިގެންނެވެ.
ދިވެހި ސަރުކާރާއި އީޔޫ އިން ވެސް ވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައް ފަދަ ބައިނަލްއަގުވާމީ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުން އިތުރުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މިދިޔަ ޑިސެމްބަރު މަހު އީޔޫ އިން ވަނީ 2050 ވަނަ އަހަރުގެ ނިޔަލަށް ޔޫރަޕަކީ ކާބަން ނިއުޓްރަލް ބައްރަކަށް ވުމަށް އަމާޒު ހިފާފައިވާ ޔޫރަޕިއަން ގްރީން ޑީލް އެޑޮޕްޓު ކޮށްފައެވެ. ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މިހާރު ވެސް ރާއްޖޭގެ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް އިމްޕްލިމެންޓް ކުރުމަށް 85.8 މިލިއަން ދިވެހި ރުފިޔާގެ އެހީ އަކާއި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން ދޫކުރި 771.6 މިލިއަން ދިވެހި ރުފިޔާގެ ލޯން އީޔޫ އިން ފާހަގަކުރެއެވެ.
މި ބައްދަލުމުގައި ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވް މެދުވެރިކޮށް ދެފަރާތުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް އީޔޫ އާއި ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައެވެ. އަދި ރާއްޖެއިން އީޔޫއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން އީޔޫގައި ވަނީ އެދިފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ދިވެހި ރައްޔިތުންނަށް ވިސާ އާއި ނުލައި އީޔޫގެ މެންބަރު ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ހޯދުމާގުޅޭ ގޮތުން އީޔޫއާއެކު ރާއްޖެއިން ވަނީ މަޝްވަރާކޮށްފައެވެ.
މިއަދުގެ މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފޯ އޭޝިއާ އެންޑް ޕެސިފިކް ޕައޯލާ ޕަމްޕަލޯނީއެވެ.