ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް) އިން އިންތިޒާމުކުރާ ޓްރޭނިން "ބިކަމް އަ ޓީމް ލީޑަރ" އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ޓްރޭނިންގައި ލީޑަރަކަށް ވުމަށް ބޭނުންވާ މީހާގެ ހުންނަން ޖެހޭ ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މެނޭޖުކުރުމާއި، ލީޑު ކުރުމުގެ ހުނަރު ބޭނުންކުރާނެގޮތާއި، އަމިއްލަ ނަފްސުގައި ހުންނަ ނުރަނގަޅު ސިފަތަކާއި، މީހާގެ ފެންވަރު ދެނެގަންނާނެ ގޮތަށް ވެސް މި ޓްރޭނިންގައި އަލިއަޅުވާލާނެ ކަމަށް ވިމް އިން ބުނެއެވެ.
ޓީމް ލީޑަރަކަށް ވާން ބޭނުންވާ ފަރާތްތައް ބާއްވާ ހާއްސަ ޓްރޭނިންގައި ކަންކަމުގައި އިސްނެގުމާއި ކަންކަން ދެނެގަތުމުގައި ބޭނުންކުރާނެ އުކުޅުތަކުގެ އިތުރުން ނަތީޖާ ނެރެ އެނަތީޖާގެ ފުރިހަމަ ހެޔޮ ބަދަލު ގެންނާނެ ގޮތްތައް އުނގަންނައި ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ޓްރޭނިންގެ ސެޝަންތައް ނަންގަވައިދެއްވާނީ ސްރީލަންކާގެ ފެސިލިޓޭޓަރެއް ކަމަށްވާ ރެއިންޒީ މާޓިނޭޒް ކަމަށް ވިމްއިން ބުނެއެވެ.
ވިމް އިން ބާއްވާ "ބިކަމް އަ ޓީމް ލީޑަރ" ޓްރޭނިން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު ހެނދުނު 10:00 އިން ހަވީރު 5:00 އަށް އެސްޓީއޯ ޓްރޭނިން އިންސްޓިޓިއުޓްގައެވެ. މި ޓްރޭނިންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވިމްގެ ހޮޓްލައިން 7946687 އަށް ގުޅައި ނުވަތަ ވައިބާ މެދުވެރިކޮށް ރެޖިސްޓަރު ކުރެވޭނެ ކަމަށް ވިމްއިން ބުނެއެވެ.