ޚަބަރު

ދެ އިންތިހާބަށް މިހާތަނަށް ލިބުނީ ތިން ފޯމް، އެންމެ ފަހު ވަގުތަށް މަޑުނުކުރައްވާ!: އިލެކްޝަން

އަލީ ޔާމިން

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ގުޅިގެން މިހާތަނަށް ލިބިފައިވަނީ ތިން ފޯމު ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވާލީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި ކައުންސިލް އިންތިހާބަށް މިމަހުގެ 20 އާހަމައަށް ފުރުސަތު ހުޅުވާލައިފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ އެންމެފަހު ތާރީހަކީ މިމަހުގެ 24 އެވެ.

އިންތިހާބަށް ހުޅުވާލި ފަހުން މިއަދަށް، ހަފްތާ ބަންދު ނުލާ ހަތަރު ދުވަސް ވެފައިވާއިރު އަކްރަމް ވިދާޅުވީ، ދެ އިންތިހާބާ ގުޅިގެން މިއަދު މެންދުރުފަހު 3:00 އާހަމައަށް ލިބިފައިވަނީ ތިން ފޯމު ކަމަށެވެ. އަދި ތިން ފޯމް ވެސް ހުށަހަޅާފައިވަނީ މިއަދު ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުން އެންމެ ފަހު ވަގުތާ ހަމައަށް މަޑު ނުކުރައްވާ އަވަހަށް ފޯމު ހުށަހެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.