ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިނިސްޓަ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަގާމަށް ހެންވޭރު ދޫރިހާ އާއިޝަތު މުހައްމަދުދީދީ އައްޔަން ކުރައްވައިފިއެވެ. އާއިޝަތު މުހައްމަދުދީދީ މަގާމަށް އައްޔަނު ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އާއިޝަތު މުހައްމަދު ދީދީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، މިއަދު މަގާމުގެ ހުވާ ކުރެއްވި އިރު، އެކަމަނާއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ހުސްނުއްސުއޫދު އެވެ.
2005 އިން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް އާއިޝަތު މުހައްމަދު ދީދީ ވަނީ މިނިސްޓަ އޮފް ޖެންޑާ އެންޑް ފެމިލީގެ މަގާމު ފުރުއްވާފައެވެ. އަދި އެކަމަނާއަކީ އިޖުތިމާއީ ދާއިރާއިން ގިނަ އަހަރުތަކެއް ވަންދެން ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ. އެގޮތުން އެކަމަނާ ވަނީ ތައުލީމު، ކުޑަކުދިން އަދި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ހިލޭ ސާބަހަށް ވަކާލާތު ކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އަލަށް ޖެންޑާ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީ ވަނީ ޖެންޑާ އީކުއަލިޓީ ކައުންސިލްގެ ޗެއާޕާސަންކަމުގެ މަގާމާއި، އދ ގެ ޓާސްކް ފޯސް އޮން ޖެންޑާ ގެ މެންބަރުކަމާއި، އދ ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި، ޗިލްޑްރަންސް ހޯމް ގަވަނިން ބޯޑުގެ ޗެއާޕާސަންކަމުގެ މަގާމުގެ އިތުރުން ކައުންސިލް ފޯ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއާޕާސަންކަމުގެ މަގާމު އަދި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން އަދާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ އިނގިރޭސިވިލާތުން މާސްޓާ އޮފް އާޓްސް ހާސިލްކުރައްވާފައެވެ. އަދި ލުބުނާނުން ބެޗެލާ އޮފް އާޓް އަދި ޑިޕްލޮމާ އިން ޓީޗިން ހާސިލް ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ޖެންޑާ މިނިސްޓަރުގެ މަގާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން އެކަމަނާ ހުންނެވީ އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައެވެ.