ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިންގެ ދެނެގަނެވޭނެ ފަދަ ވީޑިއޯ އާއި ފޮޓޯ އަދި މައުލޫމާތު އާންމުކުރުން ހުއްޓުވުމަށް ޕްރައިވަސީއާބެހޭ ބިލެއް ވަރަށް އަވަހަށް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
"ވަން"އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ، ގައުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުޑަކުދިންނާގުޅޭ މައްސަލަތައް ކަމަށާއި ހާއްސަކޮށް އެކުދިންނާ ގުޅޭ ކަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ހާމަކުރަމުންދާ ކަމަށެވެ. އަދި އެކަންކަން ހުއްޓާލައި ކުޑަކުދިން ހިމާޔަތްކުރަން ޖެހޭކަން ބޮޑެތި މީހުންގެ ސިކުނޑިތަކަށް ވައްދަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުން އަޅަންޖެހޭ ހުރިހާ ފިޔަަވަޅެއް އަޅަމުންދާކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ، ޕްރައިވަސީއާބެހޭ ގާނޫނެއް އޮންނަންޖެހޭ ކަމަށާއި އެފަދަ ގާނޫނެއް ވަރަށް އަވަހަށް ރާއްޖޭގައި ތައްޔާރުކޮށް ފާސްވެގެންދާނެ ކަމަށެވެ. އަދި އެގާނޫނުގެ ދަށުން ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ މައުލޫމާތު ހާމަކުރާ މީހުންނަށް ހަރުކަށި އަދަބު ދެވޭނެ ކަމަށް ވިދާޅުވިއެވެ.
"މިއަދު މި ފެންނަނީ ކުޑަކުދިންގެ ވާހަކަތައް ދައްކަމުން ގޮސް ގައުމުގެ ފޭރާން ވީދި އެންމެން އޮރިޔާން ވަމުންދާ މަންޒަރު. އެކެއްގެ ކޮރިޑޯގައި ހިނގާކަން ކަންކަން އަނެއް ގޭގެ ކޮރިޑޯއިން ވީޑިއޯކޮށް ހާމަކުރެވިގެން ނުވާނެ. އެއީ މުޅިން މަނާ ކަމެއް،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވަނީ، ކުޑަކުދިންނަށް އިހުމާލުވުމުގެ ކަންކަން ހުއްޓުވުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކެބިނެޓަށް މިއަދު ގެންނެވި ބަދަލަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ޖެންޑާ މިނިސްޓަރު ކަމަށް މިއަދު އައްޔަން ކުރެއްވި އާއިޝަތު މުހައްމަދުދީދީ އަކީ ތަޖުރިބާ ހުރި އެކަމަށް ގާބިލު ކަނބަލެއް ކަމަށާއި އެކަމަނާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޖާބިރު ވިދާޅުވިއެވެ.