ދުނިޔޭގެ އެހެން ގައުމުތަކުގެ ފަރުތަކަށް ވުރެ ރާއްޖޭގެ ކަނޑުފަޅު ތަކުގެ ހާލަތު ރަނގަޅު ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލު ވުމުގައި މިނިސްޓަރު ޒަހާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގެ ފަރުތަކަށް ވުރެ ރާއްޖޭގެ ފަރުތަކުގެ ހާލަތު ރަގަޅު ކަމަށެވެ.
ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ ހާލަތާއި މަހުގެ އާބާދީ ދެނެގަތުމަށް، ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން ކުރިޔަށް ގެންދާ ދިރާސާގެ ފުރަތަމަ ބައި ނިމި ރިޕޯޓް ވަނީ އާންމު ކޮށްފައެވެ. އެ ރިޕޯޓާ ހަވާލާދީ މިނިސްޓަރު ޒަހާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާ އިރު ރާއްޖޭގެ ފަރުތަކުގެ ހާލަތު ގިނަ ގޮތްގޮތުން ރަނގަޅު ކަމަށެވެ.
"ފަރުތަކުގެ ހާލަތު ބެލުމަށާއި މަހުގެ އާބާދީ ބެލުމަށް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި މިނިސްޓްރީ ގުޅިގެން ކުރި ދިރާސާއިން އެނގުނީ ރާއްޖޭގެ ހުރިހާ ފަޅުތަކުގެ ހާލަތު ގޯސް ނޫން ކަން. އަދި މަހުގެ އާބާދީ އާއި ފަޅުތަކުގެ ހާލަތު މިދިރާސާއިން އެނގިގެން ހިނގައްޖެ" ޒަހާ ވިދާޅުވި އެވެ.
މިއީ ރާއްޖޭގައި މިހާ ފުޅާ ދާއިރާއެއްގައި ފަރުތަކުގެ ހާލަތު ބެލުމުގެ މިހާ ފުޅާ ދާއިރާއެއްގައި ކުރި ފުރަތަމަ ދިރާސާ ކަމަށް ޒަހާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިކަން ކުރާ ފަރާތްތަކަށް މިދިރާސާގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަަދި ހިމާޔަތް ކުރަން ޖެހޭ ފަޅުތަކާއި މަހުގެ ބާވަތްތައް މި މިދިރާސާގެ އަލީގައި އެނގިގެން ހިނގައްޖެ ކަމަށެވެ.
26 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ދިރާސާގައި ހއ. އިން ފެށިގެން ގޮސް ލ. އަތޮޅާއި ހަމަޔަށް ފަރުތަކާއި ކަނޑުގެ މާހައުލާއި ގުޅޭ މައުލޫމާތާއި އެހެނިހެން މައުލޫމާތު ނަގާފައި ވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ކުރި ޖުމުލަ 978 ސައިންޓިފިކް ޑައިވްގައި 16 އަތޮޅެއް ވަނީ ދިރާސާކޮށްފައެވެ.
އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ކުރި މި ދިރާސާގައި 48 ފަރެއްގެ ތްރީ-ޑީ އިމޭޖް ހަދާފައި ވެއެވެ. އަދި 690 ގަޑިއިރުގެ ވީޑިއޯ ފުޓޭޖްވެސް ނަގާފައި ވެއެވެ.
ދިވެހި ސައިންސްވެރިންނާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އަށް ސައިންސްވެރިން ގުޅިގެން ކުރި މަސައްކަތުގެ ތެރޭގައި، ޖުމުލަ 330 ބާވަތެއްގެ ކަނޑުގެ ދިރުން ދިރާސާ ކޮށްފައިވާއިރު، ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތުގެ 80 ދިރުމެއް އޭގެ ތެރެއިން ފެނިފައި ވެއެވެ. އަދި ޖުމުލަ 274،004 އަށް ވުރެ ގިނަ މަސް ގުނާފައި ވެއެވެ.
މިފަދަ ދެވަނަ ސާވޭއެއް އަންނަ މާޗު މަހު، ހުވަދު އަތޮޅާއި ފުވައްމުލައް އަދި އައްޑު އަތޮޅަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.