ޚަބަރު

ހިމަބިއްސަށް ނުވަވަނަ މީހަކު ޕޮޒިޓިވްވެއްޖެ

ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު ނުވަޔަކަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އިއްޔެ އިތުރު މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށާއި އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ނުވަޔަކަށް އަރާފައިވާ ކަމަށެވެ.

ހިމަބިއްސަކީ މީގެކުރިން ރާއްޖެއިން ނައްތާލާފައިވާ ބައްޔަކެވެ. 2017 އަހަރު ނައްތާލެވުނު އެ ބަލި އަލުން ފެންނަން ފަށާފައިވަނީ މިދިޔަ މަހުއެވެ. އެ ބަލި ފެންނަން ފެނުމާއެކު ސަރުކާރުން އަންނަނީ އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގަމުންނެވެ.

އެ ބަލިން ރައްކާތެރިވުމަށް ދާދިފަހުން ޔުނިސެފުން ވެސް ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޔުނިސެފުން ވަނީ މިމަހުގެ ހަވަނަ ދުވަހު ރާއްޖެއަށް ދެލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ. ހެލްތު މިނިސްޓްރީން ވަނީ ހިމަބިހީގެ މައުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ވެސް ތައްޔާރުކޮށްފައެވެ.

ރާއްޖެއިން ހިމަބިހި ފެނުމާ ގުޅިގެން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި، ހިމަބިއްސަށް ޕޮޒިޓިވްވި ފަރާތްތަކުގެ ފަރާތުން ބަލި އަރާފާނެ ފަރާތްތައް ދެނެގަނެ، މައުލޫމާތުދިނުމާއި، ވެކްސިން ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުމާއި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މާލެއާއި އަތޮޅުތެރޭގައި މީސްލްސް ވެކްސިން ޑޯޒްތައް ހަމަނުވާ ކުދިންނަށް ވެކްސިން ދީ ހަމަކުރުމާއި، އުމުރުން 6 މަހާއި 18 މަހާ ދެމެދުގެ ތުއްތު ކުދިންނަށް އެމްއާރު ވެކްސިންގެ އިތުރު ޑޯޒްއެއް ދިނުމާއި، ވެކްސިންދިނުމުގެ މުހިންމު ކަމާގުޅޭ މައުލޫމާތުދިނުމުގެ ކޮމިއުނިކޭޝަން ކެމްޕޭނެއް މި މަސްތެރޭގައި ފެށުމާއި އަދި މުޅި އާބާދީއަށް އަމާޒުކޮށް (ބިދޭސީން ހިމެނޭގޮތަށް) އެމްއާރު ވެކްސިންދިނުމުގެ ކެމްޕޭނެއް ހިންގުން ވެސް ހިމެނެއެވެ.

ހިމަބިހި ވެކްސިން ދެވަނަ ޑޯޒު ދެވުނު 6 މަހާއި 18 މަހުގެ ކުދިންގެ ޖުމުލަ އަދަދުތައް:

  • ދަމަނަވެށިން - 354
  • ހުޅުމާލެ ހޮސްޕިޓަލުން - 149
  • ސޯސަލް ސެންޓަރުން - 68
  • އެޑީކޭ ހޮސްޕިޓަލުން - 62
  • ވިލިމާލެ ހޮސްޕިޓަލުން - 55
  • ޓްރީޓޮޕް ހޮސްޕިޓަލުން - 9
  • އަތޮޅުތެރެއިން - 460