އިބްރާހިމް ޒަކީ
ރާއްޖޭގައި ނަފުސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ދިވެހި ދައުލަތުގެ ހަރަދުގައި ފަރުވާ ދިނުމުގެ ނިޒާމުތައް ގާނޫނަކުން ގާއިމު ކުރުމަށް "ނެޝަނަލް ސެންޓާފޯ މެންޓަލް ހެލްތު" ގެ ނަމުގައި ހާއްސަ މަރުކަޒެއް އުފައްދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
ބިުގައި ބުނެފައިވަނީ، މިގާނޫނަކީ ރާއްޖޭގައި ނަފުސާނީ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމާއި އެފަދަ ފަރާތްތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި، ނަފުސާނީ ބަލީގެ ފަރުވާ އާއި އެފަދަ ފަރުވާއާ ގުޅޭ ހިދުމަތް ފޯރުކޮށްދިނުމުގައި ގެންގުޅެން ޖެހޭ، ހަމަތަކާއި އުސޫލުތައް ބަޔާން ކުރުމުގެ ގާނޫނު ކަމަށެވެ.
"ނަފުސާނީ ސިއްހަތުގެ ގާނޫނު"ގެ ނަމުގައި ފޮނުވާފައިވާ މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި، ނަފުސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހާ، ދިރިއުޅޭ މުޖުތަމައަކުން އޭނާއަށް ސިއްހީ ހިދުމަތް ލިބޭނެ ނިޒާމެއް ގާއިމް ކުރުމާއި، އެފަދަ މީހުންގެ އަސާސީ މިނިވަންކަން ރައްކާތެރި ކުރުމާއި، އެފަދަ މީހުންނަށް ހާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް ބިލުގައި ބުނެފައި ވެއެވެ. އަދި އެފަދަ ފަރުވާ ހޯދަމުން އަންނަ މިހާއަށް ކުރިމަތިވާ ފުރައްސާރަ އާއި އަނިޔާއިން ރައްކާތެރި ކުރުވުން ވެސް ހިމެނެއެވެ.
ނަފުސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ހައްގުތައް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ބިލުގައިވާ ގޮތުން ވަކި ފަރުދެއްގެ ނަފުސާނީ ހާލަތަށް ބަލައި ވަޒީފާގެ ފުރުސަތުތައް ލިބިދިނުމުގައި އެއިން ފަރާތެއް މަހުރޫމް ކޮށްގެން ނުވާނެ އެވެ. އަދި އެއްވެސް ހާލެއްގައި އެފަދަ ފަރާތެއްގެ ނުރުހުމުުގައި މަސައްކަތް ކުރުމަށް މަޖުބޫރު ކޮށްގެން ނުވާނެއެވެ.
ބިލުގައި ބުނެފައިވަނީ، މިގާނޫނަށް އަމަލުކުރަން ފެށުމާއެކު، ނަފުސާނީ ބަލި ތަހައްމަލު ކުރަމްންދާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ އެންމެހައި ކަންކަން ފޯރުކޮށްދިނުމަށްް "ނެޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތު" ގެ ނަމުގައި ހާއްސަ މަރުކަޒެއް އުފައްދަން ވާނެ ކަމަށެވެ.
އެ މަރުކަޒު، އުފެއްދުމާއެކު މިހާރު ރާއްޖޭގައި ގާއިމް ކޮށްފައިވާ "ސެންޓަފޯ މެންޓަލް ހެލްތު"ގެ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރާނީ "ނެޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތު"ން ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އެމަރުކަޒުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި، ނަފުސާނީ ދުޅަހެޔޮ ކަން ކުރިއެރުވުމަށާއި ނަފުސާނީ ބަލިތަކަށް ފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ކުރަންޖެހޭ އެންމެގައި ކަންކަން ކުރުމުގެ ބާރު ބިލުގައި ވަނީ ދީފައެވެ. އަދި ފަރުވާއަށް އެދި އަންނަ މީހުންގެ އެސެސްމެންޓް ހެދުމާއި، ފަރުވާގެ ކަންކަން ވިލަރެސް ކުރުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ނެޝަނަލް މެންޓަލް ހެލްތު ރިވިއު ބޯޑުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މި ގާނޫނު ތަންފީޒު ކުރުމަށް ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ކުރުންވެސް މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.
އެ މަރުކަޒުގެ އިދާރީ ހިންގުމުގެ އެންމެހާ ކަންކަން ކުރާނީ ޗީފް އެގްޒެކްޓިވް އޮފިސަރު ކަމަށާއި، އެއީ ސިވިލް ސާވިސް މަގާމެއް ގެ ގޮތުގައި ބިލުގައި ވަނީ ކަނޑައަޅައިފައވެ. އެހެންކަމުން އެމަގާމަށް މީހަކު އައްްޔަން ކުރުމާއި ވަކި ކުރުުގެ ބާރު ލިބިދެނީ ސިވިލްސާވިސް ކޮމިޝަނަށެވެ.
ބިލުގައި ވަނީ 18 މެންބަރުންގެ މައްޗަށް އެކުލެވޭ، "ނެޝަނަލް މެންޓަލް ހެލްތު ރިވިއު ބޯޑު" އުފައްދަން ވެސް ހިމަނައިފައެވެ.
ނަފްސާނީ ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް މާލީ އިނާޔަތެއް ދިނުމަށްވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ނަފްސާނީ ބަލީގެ މީހުން އަމިލައަށް އުޅުމަށް އެހީތެރިވުމުގެ ގޮތުުންނާއި، ފަރުވާ ހޯދަން ބޭނުންކުރާ ތަފާތު އާލާތްތައް ފޯރުކޮށްދިމުގެ ގޮތުން މީލާދީ ކޮންމެ މަހަކު ސަރުކާރުން ކަނޑައަޅާ މިންވަރެއްގެ މާލީ އިނާޔަތެއް ދޭން ވާނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.