ޚަބަރު

މައްސަލަތަކާ ގުޅިގެން ޝިދާތާ އެޅުއްވީ ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއް: އަދާލަތު ޕާޓީ

އަހުމަދު ވަޖީފު

އަންހެނުންނާއި ކުޑަކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ މައްސަލަތަކުގެ ވާހަކަ ގިނަ ބަޔަކު ދައްކައި، އެކަން ހައްލުކުރުމަށް ރައްޔިތުން ހޭލުންތެރިވުމުގެ އިތުރުން އެފަދަ މައްސަލަތައް ހައްލުކުރުމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު، ކުރައްވާފައިވާ ބުރަ މަސައްކަތާއި އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ކާމިޔާބީއެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކަމަނާއަކީ ވަޒީރުކަމަށް ވަޑައިގަތުމުގެ ކުރިންނާއި ވަޒީރުގައިކަމުގައި ވެސް ރައްޔިތުންގެ ހާލު ގާތުން ބައްލަވައި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންވި ކަނބަލެއް ކަމަށެވެ. އެ މަގާމުން އިސްތިއުފާ ދެއްވުމަކީ އެކަމަނާގެ ހިތްވަރުގަދަކަން ދައްކުވައިދޭ އަމަލެއް ކަމަށެވެ. އެގޮތުން އިސްތިއުފާ ދެއްވި ސަބަބެއް ކަމުގައި ޖެންޑާ މިނިސްޓްރީގެ އިތުބާރު ދެހެއްޓުމަށް ފުރުސަތު ދެއްވުމަކީ އެ ޕާޓީން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މަސައްކަތްކުރުމުގައި ގެންގުޅުއްވި އިހުލާސްތެރިކަމާއި ހަރުދަނާކަން އަދާލަތު ޕާޓީން ފާހަގަކުރާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ބުނީ ޝިދާތާ ޖެންޑާ މިނިސްޓަރުކަމުން އިސްިއުފާދެއްވި ނަމަވެސް ޕާޓީއާއެކު ދެމިހުރުމަށާއި ޕާޓީ އިތުރަށް ހަރުދަނާ ކުރުމަށް ދެމިހުންނަވަން ނިންމެވެމަކީ އެ ޕާޓީއަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަދި އެކަމަށް އަދާލަތު ޕާޓީން އެކަމަނާއަށް އެހީތެރިވެވަޑައިގަންވާނެ ކަމަށެވެ. އެގޮތުން އެކަމަނާއަކީ 2010 ވަނަ އަަހަރުން ފެށިގެން އެ ޕާޓީއާއެކު ރައްޔިތުންނަށް ޓަކައި އެތައް ގުރުބާނީތަކެއް ވެވަޑައިގެންނެވި ކަނބަލެއް ކަމަށާއި އެކި އެކި ފޯރަމްތަކުގައްޔާއި އިސްލާހަށް މަސައްކަތްކުރި ގިނަ ހަރަކާތްތަކެއްގައި ހިތްވަރާއެކު ބައިވެރިވެވަޑައިގެންނެވި ކަނބަލެއް ކަމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޝިދާތާ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭ ގ. ނީރުވީކް އަހުމަދު ހިޝާންގެ، ބެލުމުގެ ދަށުގައި، ހާއްސަ އެހީއަށް ބޭނުންވާ ޒުވާނަކު ހުރި މައްސަލައިގައި، ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބުނެ، ޝިދާތާގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ގޮވާލެއްވުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ވަޑައިގެން އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ޖެންޑާ މިނިސްޓަރު ކަމަށް ޝިދާތާ އައްޔަންކުރެއްވީ، 17 ނޮވެމްބަރު 2018 ގައެވެ. އިސްތިއުފާ ދެއްވީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.