ޚަބަރު

ކޮމަންވެލްތް އަދި އިނގިރޭސި ވިލާތުގެ އިސްވެރިންނާ މިނިސްޓަރު ޝާހިދު ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއި އެޖަމާއަތުގެ އެހެން ބައެއް އިސް ވެރިންގެ އިތުރުން އިނގިރޭސިވިލާތުގެ މިނިސްޓާ އޮފް ސްޓޭޓް ފޮ އިންޓަނޭޝަނަލް އެންވަޔަރަމަންޓް އެންޑް އެނިމަލް ވެލްފެއާ ލޯޑް ޒެކް ގޯލްޑްސަމިތު އަދި އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓާ ފޮ ދަ ކޮމަންވެލްތު، ޔޫ.އެން އެންޑް ސައުތު އޭޝިއާ ލޯޑް އަހްމަދު އޮފް ވިމްބެލްޑަން އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު މިބޭފުޅުންނާ ބައްދަލު ކުރައްވާފައިވަނީ ދިވެހި ރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅުމާ ގުޅިގެން އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުގަ އެވެ.

މި ދަތުރުގައި މިނިސްޓަރު ޝާހިދު ވަނީ ކޮމަންވެލްތުގެ ބޯޑް އޮފް ގަވާނަސް އާއި ބައްދަލުކުރައްވާ ފައެވެ. އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ބައްދަލުކުރައްވައި، އެ ޖަމިއްޔާއިން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތަކާއި ގުޅިގެން މިނިސްޓަރު މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގެ ނަން އެމްބަސީން ހައިކޮމިޝަނަށް ބަދަލުވުމާ ގުޅިގެން ނަންބޯޑު ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް މިނިސްޓަރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދުގެ އިތުރުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ސްކޮޓްލަންޑް ބައިވެރިވެވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮމަންވެލްތު ފައުންޑޭޝަނާއި ދިވެހިރާއްޖެ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިިނިސްޓަރު ޝަހިދު ވަނީ ކޮމަންވެލްތު ފައުންޑޭޝަންގެ ޑިރެކްޓަރު ޖެނެރަލް އޭން ގަލަހާރްއާ ވެސް ބައްދަލު ކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ރޯޔަލް ކޮމަންވެލްތު ސޮސައިޓީގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާ ޑރ. ލިންޑާ ޔޫ އާއި މިނިސްޓަރު ބައްދަލު ކުރައްވައި ކޮމަންވެލްތު ސޮސައިޓީއާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން، ސީޕީއޭގެ ސެކްރެޓަރީ ޖެނެރަލް ޖާވިސް މަތިއާ އާވެސް މި ދަތުރުގައި މިނިސްޓަރު ޝާހިދު ބައްދަލު ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ވަނީ ސީޕީއޭގެ މެންބަރަކަށް ރާއްޖެ ވުމަށް ވެސް ފާސްކޮށްފައެވެ. އަދި ސީޕީއޭގެ އެކްސްކޯއިން އަންނަ އެޕްރީލް މަހު ރާއްޖޭގެ މެމްބަޝިޕަށް ރުހުން ދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ އިނގިރޭސިވިލާތުގެ މިނިސްޓަ އޮފް ސްޓޭޓް ފޮ އިންޓަނޭޝަނަލް އެންވަޔަރަމަންޓް އެންޑް އެނިމަލް ވެލްފެއާ ލޯޑް ޒެކް ގޯލްޑްސްމިތު އަދި އިނގެރޭސި ފޮރިން އޮފީހުގެ މިނިސްޓަ ފޮ ދަ ކޮމަންވެލްތު، ޔޫ.އެން އެންޑް ސައުތު އޭޝިއާ ލޯޑް އަހްމަދު އޮފް ވިމްބެލްޑަން އާއި ބައްދަލު ކުރައްވާފަ އެވެ.

ލޯޑް ޒެކްއާ ބައްދަލު ކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ކުރިއަށް އޮތް ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާއި، މޫސުމީ ބަދަލުތަކާއި ބެހޭ ބައިނަލްއަގުވާމީ ސަމިޓް ނުވަތަ ކޮޕް-26 އާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ލޯޑް އަހުމަދާއި ބައްދަލު ކުރައްވައި ރާއްޖެ ކޮމަންވެލްތަށް އަލުން ވަނުމާ ގުޅޭ ގޮތުންނާއި، އިނގިރޭސިވިލާތާ ދިވެހިރާއްޖެއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މިނިސްޓަރު މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުން ތަކުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދެބޭފުޅުންގެ އިތުރުން ރައީސް އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ސަބްރާ ނޫރައްދީންވެސް މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.