ކ.މާފުށީގައި ފަތުރުވެރިޔަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރީ ގޯހަށް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން އެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.
މިކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށީގައި އެ ފަތުރުވެރިޔާ ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވޭ ކަމީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ. އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށް ފިރިހެން ފުލުހުން އަންހެނަކު އެފަދައިން ހައްޔަރު ކުރަން އުޅުމީ ރާއްޖޭގެ ރީތި ނަން ހަރާބުވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިއީ ފަތުރުވެރިކަމަށް ގެއްލުންވާ ކަންކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހުން އެރުމާއި، މި އެންމެ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވެ ޓުއަރިސްޓު ވިޔަފާރިއަށް ނުހަނު ގެއްލުންވާ ކަންކަން"
މާފުށިން މަސްތުގެ ހާލުގައި، ނިވާކަން ކުޑަކޮށް އުޅުނު އަންހެން ފަތުރުވެރިޔަކު ފުލުހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ފަތުރުވެރިޔާ ހައްޔަރުކޮށްފައިވަނީ ބިކިނީގައި މަގުމަތީގައި ނޫޅެވޭނެ ކަމަށް ބުނެ އެ ސަރަހައްދަށް ދިޔަ ފުލުހުން ނަސޭހަތް ދިނުމުން ވެސް އެކަމާ އެ ފަތުރުވެރިޔާ ދެކޮޅު ހެދުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ފަތުރުވެރިޔާ ހައްޔަރުކުރި ވީޑިއޯ އާންމުވުމުން ފުރަތަމަ ފާޑުކިޔުން އަމާޒުވި ނަމަވެސް ފަހުން ގިނަ ބަޔަކު ވަނީ ފުލުހުންނަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު ވެސް ވަނީ އެ އަންހެން ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން ފަތުރުވެރިޔާގެ ކިބައިންނާއި އާންމުންގެ ކިބައިން މައާފަށް އެދިވަޑައިގެން މައްސަލަ ތަހުގީގުކުރާނެ ކަމަށް ވިދާޅުވެފައެވެ.