ޚަބަރު

މާފުށީގައި ފަތުރުވެރިޔާ ހައްޔަރުކުރީ ގޯސްކޮށޭ ނުބުނެވޭނެ: އިމްރާން

ކ. މާފުށީގައި މަސްތުގެ ހާލުގައި ނިވާކަން ކުޑަކޮށް އުޅުނު އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގޯސްކޮށޭ ނުބުނެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ “ރާއްޖެމިއަދު” ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން އެހެން ވިދާޅުވެފައިވާ އިރު، މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި އަންހެން ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ވިދާޅުވެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވެފައި އެވަނީ ފުލުހުންނަށް އެއަށްވުރެ ރަނގަޅަށް އެކަން ކުރެވޭނެކަން ކަމަށާއި ނަމަވެސް އެ ހާލަތުގައި ފުލުހުން އެކަން ކޮންޓްރޯލްކުރީ ވަރަށް ގޯސްކޮށޭ ބުނެވޭކަށް ނެތް ކަމަށެވެ.

"އެ ހާލަތުގައި ފަތުރުވެރިޔާ ނުހުއްޓުވައި ފުލުހުން ބަލަން ތިބި ނަމަ އަޅުގަނޑުމެން އެ ވީޑިއޯ ލާފައި ބުނާނެ، އެ ހުރިހާ ކަމެއް ވީއިރު ކޮބާހޭ ހޯމް މިނިސްޓަރު، ކޮބާހޭ ކޮމިޝަނަރު އޮފް ޕޮލިސް. ފުލުހުން ހަމަ ބަލަހައްޓައިގެން ތިބީއޭ. އަދި އެއަށްވުރެ އިތުރަށް ދޫކޮށްލައިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ، އެ ފަތުރުވެރިޔާއަށް ގެއްލުމެއް ދިން ނަމަ އެއަށްވުރެ ބޮޑެތި ފާޑުކިޔުންތަކާއި ގޮންޖެހުންތައް އަޅުގަނޑުމެންނަށް އަމާޒުވީސް. އެހެންވީމާ އެ ހުރިހާ ކަމަކަށް ވިސްނާފައި، އެވަގުތު އަތަނުގައި ތިބި އޮފިސަރުން ނެގި ޑެސިޝަނެއް އެއީ. އެ ޑިސިޝަން އެގޮތަށް ނެގުމުން އަޅުގަނޑުގެ ހިތުން އެއަކަށް ނެތް މާގިނަ ނުރުހުމެއް ނުވަތަ ނުބައިކޮށް އަމާޒުކުރެވޭކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެފަދަ ހާލަތްތަކުގައި މާލޭގެ ކޮމާންޑުތަކުގައި ތިއްބެވި އިސް ބޭފުޅުންނަށް އަންގަން ބައެއް ފަހަރު ފުރުސަތު ނުލިބޭ ކަމަށާއި ކޮންމެހެން އޮފިސަރުން ނިންމުންތައް ނިންމަން ޖެހޭނީ އެންމެ އިސް ކޮމާންޑަރު ކޮމާންޑު ކުރެއްވީމައެއް ނޫން ކަމަށެވެ.

"އެތަނަށް އެޓެންޑުވާ ކޮންމެ އޮފިސަރަކަށް އެނގިލައްވަން ވާނެ ނުވަތަ އެނގުމަށް ފަރިތަކުރުވަން އެބަޖެހޭ އެންމެ އެކަށީގެންވާ ޑިސިޝަން ވަގުތުން ވަގުތަށް މޭކް ކުރަން. ފުލުހުންގެ މަސައްކަތަށް މި ކުރިމަތިކުރެވިގެންދާ ނުވަތަ އަމާޒުކުރެވިގެންދާ ބަސްތައް އަޅުގަނޑުމެން އެކިގޮތްގޮތަށް އެބަ ވަޒަންކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފަތުރުވެރިޔާ އަތުގައި ބިޑިއަޅުވައި ހައްޔަރުކޮށްފައިވަނީ ބިކިނީގައި މަގުމަތީގައި ނޫޅެވޭނެ ކަމަށް ބުނެ އެ ސަރަހައްދަށް ދިޔަ ފުލުހުން ގިނަ ނަސޭހަތްދިނުމުން ވެސް އެކަމާ އެ ފަތުރުވެރިޔާ ދެކޮޅު ހެދުމުންނެވެ. އެ ފަތުރުވެރިޔާ ހައްޔަރުކުރި ވީޑިއޯ އާންމުވުމުން ފުރަތަމަ ފާޑުކިޔުން އަމާޒުވި ނަމަވެސް ފަހުން ގިނަ ބަޔަކު ވަނީ ފުލުހުންނަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ.