ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސުޒޭން، ގޯލްކީޕަރު ކޯޗަކަށް އިންމަ

އައިދާ އަބްދުލް ހަކީމް

ފަހަކަށް އައިސް ސޯޝަލް މީޑިއާގައާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފާޑުކިޔަމުންދިޔަ ގްރީން ސްޓްރީޓްސްގެ ކުރީގެ ކޯޗްު އަލީ ސުޒޭނާއި ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި އިމްރާން މުހައްމަދަށް ގައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރެއިން ޖާގަ ލިބިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސުޒޭން ހަމަޖެއްސި އިރު އިމްރާން ހަމަޖައްސާފައިވަނީ ގޯލްކީޕަރު ކޯޗަކަށެވެ. އެފްއޭއެމް ހައުސްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސުޒޭނާއި އިމްރާނަށް ވަނީ ރަސްމީކޮށް މަގާމު ހަވާލުކޮށްފައެވެ.

މިރޭގެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިހާރު ގައުމީ ޓީމުގައި އޮތީ ވަރަށް ރަނގަޅު ކޯޗިން ޓީމެއް ކަމަށާއި އެހެންނަމަވެސް އެސިސްޓަންޓު ކޯޗަކަށް އޭނާ ހަމަޖެއްސީ ދިވެހި ކޯޗެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށްވާތީ ސުޒޭނަކީ ދިވެހި ކުޅުންތެރިން އިހުތިރާމު ކުރާ ކޯޗަކަށްވެފައި ތަޖުރިބާ ހުރި މޮޅު ކޯޗަކަށްވުމުން ކަމަށެވެ.

އިމްރާނަކީ 17 އަހަރު ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ފަރާތެއްކަން ފާހަގަކޮށް ބައްސާމް ވިދާޅުވީ ގައުމީ ޓީމަށް ގިނަ ދުވަހު ކުޅެފައިވާ، އެންމެ މަތީ ފަންތީގައި ފުޓުބޯޅައިގެ އެކި ކަން ކަމުގައި ހަރަކާތްތެރިވުމަކީ އެންމެ އެދޭ ގޮތް ކަމަށެވެ.

ބައްސާމް ވިދާޅުވިގޮތުގައި އެފްއޭއެމްގެ މިއަހަރުގެ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުމާއެކު މިއަހަރު އޮންނަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމެވެ. އަދި މިހާރު އޮތް ޓީމަކީ އެކަން ކުރެވޭވަރުގެ ޓީމެއް ކަމަށް ބައްސާމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސުޒޭން ބުނީ އެފުރުސަތު ލިބުނީ ވަރަށް ގިނަ ގުރުބާނީތަކެއްވެގެން ކަމަށާއި އަދި ވަރަށް ގިނަ މީހުންގެ މަސައްކަތާ ވެސް އެކުގައި ކަމަށެވެ.

ސުޒޭން ބުނީ އަބަދުވެސް ދައްކަނީ ކަންކަން ރަނގަޅު ކުރާ ވާހަކަ ކަމަށާއި ކަންކަން ރަނގަޅު ކުރަން އަމަލީ ގޮތުން ބައިވެރިވާން ލިބުނު ފުރުސަތަކަށް ވުމުން އެފުރުސަތު ބޭނުން ނުކޮށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާތީ އެފުރުސަތުގެ ބޭނުން ހިފީ ކަމަށެވެ.

ގައުމީ ޓީމުގެ ގޯލުކީޕަރު ކޯޗުކަމާ ހަވާލުވި އިމްރާން މުހައްމަދު ބުނީ އެފްއޭއެމް އިން މި ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ނިންމީ ރިޓަޔާ ކުރުމަށްފަހު އޭނާގެ ތަޖުރިބާ މިހާރުގެ ގޯލްކީޕަރުންނާ ހިއްސާ ކުރުމަށް ލިބުނު ފުރުސަތެއްކަމުގައި ވާތީ ކަމަށެވެ.

ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ސުޒޭން ބުނީ ކުރިން ވެސް ފާޑުކިޔާފައިވާނީ ފުޓުބޯޅައަށް ހެޔޮ އެދިގެން ކަމަށާއި އަދިވެސް ހުރީ ހަމަ އެގޮތުގައި ކަމަށެވެ. ފާޑު ކިޔަނީ ޒާތީ ވެގެން ނޫން ކަމަށާއި އަދިވެސް ކަންކަން ރަނގަޅުކުރުމަށް ފާޑު ކިޔަމުން ދާނެ ކަމަށް އޭނާ ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެފްއޭއެމްގެ ހިންގުން ގޯސްވެގެން އިމްރާނާއި ސުޒޭން ދިޔައީ ޓްވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ބައްސާމާއި އެފްއޭއެމްގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.