ޚަބަރު

"ކަރަންޓީނު ކުރެވިފައި ތިބީ ތިން މީހުން، އެމީހުންގެ ގައިން ކޮރޯނާގެ އަލާމާތެއް ނުފެނޭ"

އައިދާ އަބްދުލް ހަކީމް

މިހާރު ކަރަންޓީނު ކުރެވިފައި ތިބީ ތިން މީހުން ކަމަށާއި އޭގެ ތެރެއިން އެއްވެސް މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަލާމާތެއް ނުފެންނަ ކަމަށް ކޮރޯނާވައިރަސް މޮނިޓާ ކުރާ ކޮމިޓީން ބުނެފިއެވެ.

އެ ކޮމިޓީން ބުނީ ކޮރޯނާވައިރަސްއާ ގުޅިގެން މިހާރު ކަރަންޓީނު ކުރެވިފައި ތިބީ ތިން މީހުން ކަމަށާއި އެމީހުން ކަރަންޓީނު ކުރެވުނީ އެމީހުންގެ ގައިން ކޮރޯނާވައިރަސްގެ އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށެވެ.

އެމީހުން ކަރަންޓީން ކުރެވުނީ ޑަބްލިޔުއެޗްއޯގެ މިންގަނޑުގައިވާ ގޮތުގެ މަތިން ޗައިނާއަށް ދަތުރު ކުރުމުގައި 14 ދުވަހުގެ ތާރީހެއް އޮތުމުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓާ ކުރުމަށް ކަމަށް އެ ކޮމިޓީން ބުންޏެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމަހުގެ ތިންވަނަ ދުވަހު ދެމީހަކު ފަރުކޮޅުފުށީގައި ކަރަންޓީނު ކޮށްފައިވާ ކަމަށް ބުނެފައިވާ އިރު، އޭގެ ފަހުން އިތުރު މީހަކު ކަރަންޓީނު ކުރެވުނު ކަމަށް ކޮމިޓީން މިއަދު ބުންޏެވެ. އެމީހާއަކީ އެ ދުވަހުގެ މެންދުރުފަހު މާލެ އައި މީހެއް ކަމަށް ކޮމިޓީން ބުނެއެވެ.

އެ ކޮމިޓީން އިތުރަށް ބުނީ ކަރަންޓީނު ކުރެވިފައި ތިބި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.