ޚަބަރު

ކައްޕި ގެއްލުނު ހާދިސާގައި ފެނުނު ތުވާއްޔާއި ވަޅީގައި ހުރީ ލެޔެއް ނޫން: ފުލުހުން

އައިދާ އަބްދުލް ހަކީމް

މިދިޔަ މަހުގެ ކ. ކަގި ކައިރީ އޮތް ފަރަކަށް އެރި ދޯނީގައި ހުރި ދިވެހި ފިރިހެނަކު ގެއްލުނު ހާދިސާގައި ކަނޑުގެ އަޑިން ހޯދާފައިވާ ތުވާއްޔާއި ވަޅީގައި ހުރީ ލޭ ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ މަހުގެ ފަސްވަނަ ދުވަހު "ޓީޓީއެސް ފާން" ނަމަކަށް ކިޔާ ދޯނި ކ. ކަގި ފަރަށް އެރި ހާދިސާގައި ގެއްލިފައިވަނީ އެ ދޯނީގެ ކައްޕިއެވެ. އޭނާ ހޯދުމަށް އެމްއެންޑީއެފުން ވަނީ އޮޕަރޭޝަނެއް ވެސް ހިންގައިފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ހިނގި ސަރަހައްދުގެ އަޑިން ސިފައިން ހޯދާފައިވާ ތުވާއްޔާއި ވަޅީގައި ހުރީ ލޭ ނޫން ކަމަށާއި އެތަކެތީގައި ހުރީ ދަވާދާއި، ތެރަސް ކަމަށް މިހާތަނަށް ފުލުހުން ކުރި ތަހުލީލުތަކުން އެނގިފައިވާ ކަމަށެވެ.

ކަނޑު އަޑިން ފެނުނު ތަކެއްޗާއި އެދޯނިން ގެއްލުނު 37 އަހަރުގެ ދިވެހި ފިރިހެން މީހާ ގެއްލުނު މައްސަލައާ އެއްވެސް ގުޅުމެއްވޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިހާތަނަށް ބެލި ބެލުމުން އެދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. އަދި އެ ދޯނީގައި ތިބި މީހުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި އެ މައްސަލައިގައި ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ހެކި ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްގެންދާ ކަމަށެވެ.