އައިސީއެސް މޯލްޑިވްސްގެ ފަރާތުން މިމަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޒީރޯ ޕްލާސްޓިކް" ރަންގެ ސްޕޮންސަރުންނާއި ޕާޓްނަރުން ހަމަޖައްސައިފިއެވެ.
އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށާއި، ދިރޭތަކެއްޗައް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ ޒީރޯ ޕްލާސްޓިކް ރަން ދުވުމަކީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ބަންދުވެފައިވާއިރު ދުވުމުގެ ސްޕޮންސަރުންނާއި ޕާޓްނަރުން މިހާރު ވަނީ ހަމަޖައްސައިފައެވެ.
އެގޮތުން ދުވުމުގެ ކޯ ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ، ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުން ބޭނުންވާ ގޮތަށް ތަފާތު ވައްތަރުގެ ސްޕޯޓްސް ކިޓާއި ސްޕޯޓްސް ޔުނީފޯމްފަދަ ތަކެތި ތައްޔާރުކޮށްދޭ އައިލެންޑް އެޕޭރެލްސް އެވެ.
ލޮޖިސްޓިކް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ހާޒާ ކޮންސްޓުރަކްޝަންއެވެ. އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ސްޓެލްކޯ، އެލިއާ އިންވެސްޓްމަންޓް، ސީކްރެޓް ޕެރެޑައިސް އަދި ރޭޑިއެންޓް ހީޓް ހަމަޖައްސާފައިވާއިރު ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ.
އޭގެ އިތުރުން ޒީރޯ ޕްލާސްޓިކް ރަންގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.
ޒީރޯ ޕްލާސްޓިކް ދުވުން އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ފަސް ކިލޯމީޓަރުގެ އެ ދުވުމުގައި ޖުމުލަ 1000 އަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، ދުވުމުގައި ރައީސް ސޯލިހުގެ ދެކަނބަލުންނާއި ކެބިނެޓުގެ ބައެއް މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދުވުމުގައި އެއްވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުން ކޮށްފައި އުކައިލެވޭ ޕްލާސްޓިކެއް ބޭނުން ނުކުރާއިރު މިދިޔަ އަހަރު ބޭއްވި ދުވުމުގެ ތެރެއިން ވެސް ބައިވެރިންނަށް ސެންޓްރަލް ޕާކް ސަރަހައްދުގައި ފެންނަން ހުރި ޕްލާސްޓިކް ފަދަ ތަކެތި ހޮވައި، ހުރިހާ ޕްލާސްޓިކް ރިސައިކަލް ކުރުމަށް ޕާލޭ އަށް ވަނީ ހަވާލުކޮށްފައެވެ.